10 Feb 2013, 13:41
ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ރޭ ބައިވެރިވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާންގެ ގައުމީ ޓީމު މި މަހުގެ 12 އަދި 14 ވަނަ ދުވަހު ކުޅޭ އެކުވެރި ކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ ހަ ވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު ދަގަނޑޭ ހުރީ ރާއްޖޭން ބޭރުގައި ބޭސް ފަރުވާއަކަށް ގޮހެވެ. އަދި ދަނގަޑޭ އެބުރި މާލެ އައުމަށް ފަހު އޭނަ ވަނީ ރޭ ބީޖީއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު ޕްރެކްޓިސް މެޗުގައި ވެސް ކުޅެފަ އެވެ.
ގައުމީ ޓީމުން ބުނީ، އެ ކުވެރި ކަމުގެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ޓީމްގެ ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާ އިރު، އަނިޔާގެ ސަބަބުން ނުކުޅެވޭނެ ދެ ކުޅުންތެރިންނަކީ ތަޖުރިބާ ކާރު ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.
ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރި ކަމުގެ ދެ މެޗުގެ ޓިކެޓް މިއަދު ގަލޮޅު ދަނޑުން ވިއްކަން ފަށާނެ އެވެ. އެގޮތުން ޓިކެޓުގެ އަގުތަކީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.