ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ ފައިނަލަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއާއި މޯލްޑިވްސް ޕޮލިސް ސާވިސް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފައިނަލަށް އެއާޕޯޓް ކޮމްޕެނީ ދަތުރު ކުރީ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ޕޮލިސް ދަތުރު ކުރީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސާ ބައްދަލުކޮށް އެއާޕޯޓް ކޮމެޕެނީގެ ޓީމުން މެޗް ކާމިޔާބު ކުރީ 75 ޕޮއިންޓް 59 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެއާޕޯޓް ޓީމުގެ އިބްރާހިމް ރަޝީދެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރި މިމުބާރާތުގެ ފަހު މެޗުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ދިރާގާއި އެމްއެންޑީއެފް އެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.