ގުދުރަތީ ކާރިސާތަކާއި ހަމަނުޖެހުންތައް ހިނގާ ހާލަތްތަކުގައި މައުލޫމާތު ހޯދާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ނޫސްވެރިންނަށް ހުޅުވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ބުނީ ގުދުރަތީ ކާރިސާތަކުގެ ހާލަތްތަކާއި ތަފާތު ހަމަނުޖެހުންތައް ހިނގައިގެން އުޅޭ ހާލަތްތަކާއި ތަފާތު ކުރިމަތިތުންތަކުގެ ހާލަތްތަކުގައި ޚަބަރާއި މައުލޫމާތު ހޯދާނެ ގޮތްތަކާއި އެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދޭނެ ރަނގަޅު އުޞޫލުތައް ދަސްކޮށްދޭ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ނޫސްވެރިންނާއި އެޑިޓަރުންގެ އިތުރުން ފްރީލާންކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެބަ އޮތް ކަމަށެވެ.

އަންނަ މޭމަހުގެ 12 އިން 19 އަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ދަތުރު ހަރަދާއި ހުރުމާއި ކެއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.

ރާއްޖޭގެ ނޫސްވެރިން ތަމްރީނުވުމަށް އެމްޖޭއޭއިން އަންނަނީ ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ. އެގޮތުން އެ ޖަމިއްޔާ އިން ހޯދައިދިން ފުރުސަތެއްގައި ދެކުއްޖަކު މިހާރު ވެސް އަންނަނީ ރާއްޖޭން ބޭރުގައި ކިޔަވަމުންނެވެ.