10 Feb 2013, 13:11
މާލެ އާއި ވިލިމާލެއާ ދެމެދު އާޅާފައި އޮތް ޔޮޓެއްގައި ތިބި ދެ ޓޫރިސްޓުންގެ ތެެރެއިން މޫދަށް ވެއްޓި ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ އެކަކު އޮޔާ ދަނިކޮށް ފެނިފައިވާ އިރު އޭގައި އިން ދެވަނަ މީހާ ވެސް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ މިއަދު މެންދުރު 12:45 އެހާކަންހާއިރު ވިލިމާލެ އާއި މާލެ އާއި ދެމެދުގައި އޮތް އެ ޔޮޓެއްގައި ތިބީ ޖަރުމަންގެ ދެ ޓޫރިސްޓުން ކަމަށާއި އެ މީހުންގެ ތެރެއިން އެކަކު މޫދަށް ވެއްޓިގެން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާ ހޯދަމުން ދަނިކޮށް އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެމީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހާދިސާގައި އޮޔާދަނިކޮށް ފެނިފައިވަނީ އެޔޮޓުގައި ހުރި ދެވަނަ މީހާ މޫދުގައި ހާލު ދެރަވެގެން އެމީހާއަށް އެހީވާންވެގެން ފުންމާލި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އެޔޮޓުން މޫދަށް ވެއްޓުނު އެކަކު. އޭގައި ތިބީ އަންހެނަކާ ފިރިހެނެއް، ގެންދިޔައިރު އެމީހާ މަރެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެމީހުންގެ ތެެރެއިން ކުރިން މޫދަށް ފުންމާލައިގެން އުޅެނީ އެ ޔޮޓްގައި އިން އަންހެން މީހާ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެމްއެންޑީއެފަށް ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން އެސަރަހައްދުގައި އެމްއެންޑީއެފުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.