ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދިން މުއްދަތު އިތުރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ދިން މުއްދަތު މިއަދު ހަވީރު 5:00 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރައީސް ނަޝީދު ހުޅުމާލޭ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޝަރީއަތަށް ފަހު މުއްދަތު އިތުރުކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ފަނޑިޔާރުންގެ ބެންޗުން ހަމަޖައްސާފައި ވާކަމަށެވެ.

"މިއަދު 4:00ގައި ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ފެށެނީ. ޝަރީއަތް ނިމޭނެ ވަގުތެއް އެނގޭނީ ޝަރީއަތް ފެށުމުން. އެހެންކަމުން 5:00 އާ ހަމައަށް ޝަރީއަތް ނިމޭނެ ކަމުގެ ޔަގީން ކަން ނެތުމުން ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ މިއަދުގެ ޝަރީއަތަށް ފަހު އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް،" މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދު ހަވީރު 4:00ގައި ނަޝީދުގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައިވާ އިރު އަދިވެސް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.