ވިލިމާލޭ އުތުރު ހާބަރުގައި އޮތް ސަޕްލައި ދޯންޏަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ އުތުރު ހާބަރުގައި އޮތް "ރެބޫ-14" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އިއްޔެ ހަވީރު 5:35 ހާއިރު ބަލައި ފާސްކުރި އިރު، އެދޯނީގެ ކެބިން ތެރެއިންނާއި ވީލް ހައުސްތެރެއިން 108 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު ފުޅިތަކުގެ ތެރޭ ސްމިރުނޮފް ބްރޭންޑުގެ އެއްލީޓަރުގެ 96 ފުޅިއާއި ޖެމްސަން ބްރޭންޑުގެ 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެދޯނިން ފެނުނު ބައެއް ބަނގުރާފުޅިތައް އޮރިޖިނަލް ކޭސްގައި ބަންދުކޮށްފައި ހުރި ބައެއް ފުޅިތައް ހުރީ ދަބަސްތަކުގައި ރައްކާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެވަގުތު އެ ދޯނީގެ ތެރޭ ހުރި ފަސް ދިވެއްސަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެމީހުންގެ ތެރޭ ހިމެނެނީ ޢުމުރުން 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 56 އަހަރުގެ މީހެކެވެ.