10 Feb 2013, 12:41
އެމެރިކާގެ ޖައްވީ އިދާރާ، ދަ ނޭޝަނަލް އެއަރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ޖައްވީ އުޅަނދު "ކިއުރިއޯސިޓީ މާސް ރޯވާ"އިން ޕްލެނެޓް މާސްގެ ހިލައެއްގައި ލޯވަޅެއް އަޅައި އެއިން ސާމްޕަލް ނަގައިފި ކަމަށް އެ އޭޖެންސީން ހާމަކޮށްފި އެވެ.
ނާސާ އިން ހާމަކުރި ގޮތުގައި ޕްލެނެޓް މާސްގެ ބިމުގައިވާ ހިލައެއް ތޮރުފައިގެން ނަގާފައިވާ ސާމްޕަލްސްގެ އެހީގައި އެ ޕްލެނެޓްގައި މީގެ ކުރިން ދިރުމެއް ނުވަތަ ފެން ހުރިތޯ ކުރަމުން އަންނަ މަސައްކަތައް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ އެވެ.
ނާސާގެ ކިއުރިއޯސިޓީ ރޮބަޓްގައި ހަރުކޮށްފައިވާ ބުރުމާއެއްގެ އެހީގައި މާސްގެ ބިމުގައިވާ ހިލައެއްގައި ވަނީ 16 މިލިމީޓަރު ފުޅާ އަދި 20 މިލިމީޓަރު ފުން މިނުގެ ޓެސްޓް ލޯވަޅަކާއި އަދި 64 މިލިމީޓަރުގެ ފުންމިނުގެ ސާމްޕަލް ލޯވަޅެއް ތޮރުފައިފަ އެވެ. އަދި ތޮރުފުމުގައި އުފެދުނު ކުނޑި (ހިރަފުސް) ބިމަށް ގެނައުމުގެ ކުރީގައި ރޮބޮޓްގައި ހަރުކޮށްފައިވާ ކުޑަ ލެބޯޓަރީއެއްގައި ޓެސްޓު ކުރެވޭނެ އެވެ.
ނާސާ އިން ބުނެފައި ވަނީ ކިއުރިއޯސިޓީގެ މި މަސައްކަތަކީ އެ އިދާރާ އަށް ހޯދުނު ވަރަށް ބޮޑު ތާރީހީ ކާމިޔާބެއް ކަމަށާއި މިފަދަ ގޮތަކަށް އެހެން ދުނިޔެއެއްގެ ބިމުގައިވާ ހިލައެއް ތޮރުފައިގެން މީހެކުރިން މިހާތަނަށް އަދި އެފަދަ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
އަދި ކިއުރިއޯސިޓީގެ ސްކައި-ކްރޭން ފައިބެ އަހަރުގެ އޯގަސްޓް މަހު މާސްގެ ބިމަށް ތިރިކުރި ފަހުން ހޯދުނު އެޓީމަށް ހޯދުނު އެންމެ ބޮޑުކުރިއެރުން ކަމަށާއި މުޅި އެމެރިކާއަށް ވެސް މިއީ ފަހުރުވެރި ދުވަހެއް ކަމަށް ނާސާ އިން ބުނެފައިވެ އެވެ.
ކިއުރިއޯސިޓީ އިން ވަނީ މީގެ ކުރިންވެސް މާސްގައި ކުރިން ފެން ހުރިކަމަށް ބާރުދޭ ގިނަ ހެކިތަކެއް އެއްކޮށްފަ އެވެ. އަދި ފަހުން މިހޯދުނު ޑްރިލް ސާމްޕްލްސްގެ އެހީގައި އެ މަސައްކަތަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނޭ ކަމަށް ނާސާގެ ސައިންޓިސްޓުން އުންމީދު ކުރެ އެވެ.