10 Feb 2013, 12:24
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުޅުމާލެ ކޯޓުން ދިން މުއްދަތު އިއްޔެ އަށް ހަމަވެފައިވާ އިރު އެމަނިކުފާނު އަދިވެސް މާލެ ވަޑައިނުގަންނަވާ ކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ހުޅުމާލެ ކޯޓުގައި ކޮށްފައިވާ ދައުވާގެ ދެވަނަ އަޑު އެހުން މިއަދު ހަވީރު 4:00ގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފަ އެވެ.
ހުޅުމާލެ ކޯޓަށް ނަޝީދު ވަޑައިގަންނަވަން ޖެހެނީ މިއަދު ހަވީރުކަމުގައިވީ ނަމަވެސް ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދައަށް ހުޅުމާލެ ކޯޓުން ހުއްދަ ދީފައިވާނީ އިއްޔެ އާ ހަމައަށެވެ. އަދި ރައީސް ނަޝީދު ވަޑައިނު ގަންނަވާކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ސަން އޮންލައިނަށް ކަށަވަރުކޮށްދީފަ އެވެ.
ނަޝީދު އިންޑިޔާ އަށް ވަޑައިގެންނެވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަޝީދު އިންޑިޔާ އަށް ވަޑައިގަތުމަށް ފުރަތަމަ އެދިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލެށެވެ. ނަމަވެސް އެ މުއްދަތު އަލުން ހުޅުމާލެ ކޯޓުގައި އެދިގެން ވަނީ އިއްޔެ އަށް އިތުރުކޮށްފަ އެވެ.