ބަދު އަހުލާގީ އަމަލެއް ހިނގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން މީޑިއާ އޮފިޝަލް އަދި ސަބް އިނިސްޕެކްޓާ އޮފް ފޮލިސް އަހުމަދު ޝީޔާމް ސަން އެފް.އެމް އޮންލައިން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ދެ ދުވަހެއް ކުރިން ކަމަށެވެ.


އެ ދެ މީހުންނަކީ ބިދޭސީ ފިރިހެނަކާއި ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން ގެންދާތީ އެ ދެ މީހުންގެ އިތުރު އެއްވެސް މައުލޫމާތެއް މިވަޤުތު ހާމަކުރެވެން ނެތްކަމަށް ޝިޔާމް ވިދާޅުވި އެވެ.


މި އަހަރު ކުރީކޮޅުގައި ހިނގި މިފަދަ ހާދިސާތަކަށް ބަލާ އިރު، އޯގަސްޓް މަހުގެ ތެރޭގައި ފުލުހުންގެ އިސް އޮފިސަރަކު އަންހެންކުއްޖަކާ އެކު، ގަދަކަމުން ބަދުއަޚްލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށާފައިވެ އެވެ. އަމިއްލަ ދަރިފުޅާ އެކު ހަ އަހަރު ވަންދެން ބަދު އަހުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އއ. ރަސްދޫ ފިރިހެނަކު މައި މަހު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އޭޕްރީލް މަހު ތެރޭގައި ހއ. ކެލާ ކައުންސިލަރު އެ ރަށު އަންހެން ކުއްޖަކާ އެކު ބަދު އަހުލާޤީ އަމަލެއް ހިންގަން އުޅުނު ކަމަށްބުނާ މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށާފައިވެ އެވެ. އަދި ހަމަ އޭޕްރީލް މަހު ތެރޭގައި، އަންހެންކުށްޖަކަށް ތޫނު އެއްޗަކުން ބިރުދައްކައި، އޭނާއާ އެކު 15 މީހަކު ޤަދަކަމުން ބަދުއަހުލާޤީ އަމަލެއް ހިންގި މައްސަލައެއް ފެންމަތިވެފައިވެ އެވެ.