ނ. އަތޮޅު ކައުންސިލްގެ މެންބަރަކާއި އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލްގެ ތިން މެންބަރަކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއި ކުރައްވައިފި އެވެ.

އެ ބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރެއްވީ އިއްޔެރޭ ކެނދިކުޅުދޫގައި އެމްޑީއޭގެ ފަރާތުން ބޭއްވި ޚާއްސަ ޖަލްސާގަ އެވެ.
އެމްޑީއޭ އަށް އަލަށް ގުޅިވަޑައިގެންނެވި ނ. އަތޮޅު ކައުންސިލްގެ މެންބަރަކީ އެ ކައުންސިލްގެ މެންބަރު ޢަލީ ޝަރީފު އެވެ. ކެނދިކުޅުދޫ ކައުންސިލުން ގުޅިވަޑައިގަތީ، އެ ކައުންސިލް ރައީސް އިބްރާހީމް ޒަމީރު އާއި ނައިބު ރައީސް ހަސަން ޒައީމް އާއި ކައުންސިލް މެންބަރު އިބްރާހީމް ޝާކިރު އެވެ. މީގެ ތެރެއިން ކައުންސިލްގެ ރައީސް އިބްރާހީމް ޒަމީރާއި ނައިބު ރައީސް ހަސަން ޒައީމަކީ އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގެންފައިވާ ބޭފުޅުންނެވެ. އިބްރާހީމް ޝާކިރު ހޮވިވަޑައިގަތީ ޑީއާރްޕީ ޓިކެޓުގަ އެވެ.

ކެނދިކުޅުދޫ ކައުންސިލުގެ މި ތިން މެންބަރުން އެމްޑީއޭ އާ ގުޅުމުން އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީއޭ އަށް ލިބުނީ އެވެ. އެ ކައުންސިލްގެ މެންބަރެއް ކަމަށްވާ ވާސިފް އަހުމަދު ވަނީ ކުރިން އެމްޑީއޭ އާއި ގުޅިވަޑައިގެންފަ އެވެ. އެހެން ކަމުން އެމްޑީއޭ އާއި ގުޅިވަޑައިނުގެން ދެން އިންނަވާނީ އެންމެ ކައުންސިލަރެކެވެ.

އިއްޔެރޭ ކެނދިކުޅުދޫގައި އެމްޑީއޭ އިން ބޭއްވި ޚާއްސަ ޖަލްސާގައި ކެނދިކުޅުދޫ ކައުންސިލްގެ ޑެޕިޔުޓީ ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު ވެސް ވަނީ އެމްޑީއޭ އަށް ސޮއި ކުރައްވައިފަ އެވެ. އަދި ނ. އަތޮޅު ހެނބަދޫ ކައުންސިލްގެ މެންބަރެއް ކަމަށްވާ މުހައްމަދު ޚަލީލު ވެސް ވަނީ ކެނދިކުޅުދޫ ޖަލްސާގައި އެމްޑީއޭ އަށް ސޮއި ކުރައްވައިފަ އެވެ.