އިންޓަނެޓް އެޕްލިކޭޝަން ސޮފްޓްވެއާ އުފެއްދުމަށް މަޝްހޫރު އެޑޯބީ ސިސްޓަމްސް ކޯޕަރޭޓެޑް އިން އެކުންފުނީގެ "ފްލޭޝް ޕްލޭޔާ" އަށް އިމަޖެންސީ އަޕްޑޭޓެއް ނެރެފި އެވެ.

އެޑޮބީގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ފްލޭޝް ޕްލޭޔަރުން މީގެ ކުރިން ފާހަގަ ކުރެވިފައިވާ ނުވާ ލޫޕްހޯލެއް ފޫބެއްދުމަށް އިއްޔެގެ ވަގުތެއްގައި ނެރެފައިވާ އިމެޖެންސީ އަޕްޑޭޓުން ފްލޭޝް ޕްލޭޔާގެ ވިންޑޯޒް، މެކިންޓޮޝް، ލިނަކްސް އަދި އެންޑްރޮއިޑް ވާޝަންތައް އަޕްޑޭޓް ކޮށްދޭނެ އެވެ.

އިންޓަނެޓް ސެކިއުރުޓީ ފާމެއްކަމަށްވާ ކެސްޕާސްކައި އިން ބުނެފައިވަނީ ފްލޭޝް (އެސްޑަބްލިޔުއެފް) ކޮންޓެންޓްސް ބޭނުން ކޮށްގެން މެލިޝަޝް ކޯޑެއްގެ އެހީގައި ދީފައިވާ އެއް ހަމަލާ އަމާޒުކޮށްފައި ވަނީ "އެރޯސްޕޭސް އާއި އަދި އެހެނިހެން މެނުފެކްޗަރިން ކޮމްޕެނީސް ތަކަށް" ކަމަށެވެ. އެގޮތުން މައިކްރޯ ސޮފްޓް ވޯޑް ފައިލަކާއި އެމްބެޑް ކޮށްފައިވާ ފްލޭޝް ކޮންޓެންޓެއް "-2013-0633 ސީވީއީ" ބޭނުންކޮށްގެން އެ ފައިލް ހުޅުވާ ފަރާތަތަކަށް އޮޅުވާލައިގެން މެލިޝަޝް ކޯޑް ކޮމްޕިއުޓަރުގެ ތެރެއަށް ވަދެގަނެ އޭގެ މަސައްކަތް ފަށައެވެ. އަދި "-2013-0633 ސީވީއީ އަމާޒު ކުރަނީ ވިންޑޯޒްގައި ބޭނުންކުރާ ފްލޭޝް އެކްޓިވް އެކްސް ވާޝަން އަށެވެ.

އަދި ދެވަނަ ޒީރޯ-ޑޭ ހަމަލާ އަމާޒު ކޮށްފައި ވަނީ މެކިންޓޮޝް ޕްލެޓްފޯމްގައި ބޭނުންކުރާ ފަޔަފޮކްސް އަދި ސަފާރީ އިންޓަނެޓް ބްރައުޒާ އަށެވެ. އެގޮތުން އީމެއިލްގެ އެހީގައި ފޮނުވާ ލިންކެއް ހުޅުވުމަށް އެ އެކައުންޓުގެ ވެރިފަރާތަށް ދައުވަތުލިބެއެވެ. އަދި އެ މެއިލް ހުޅުވުމުން އެ ވައިރަސް -2013-0634 ސީވީއީ" އެކުލެވޭ ވެބްސައިޓަށް އެ ކޮމްޕިއުޓަރު ހުޅުވާލަ ދެނީއެވެ. ހަމަ އެގޮތަށް ފޮނުވާ އީމެއިލް އެއްގެ އެހީގައި މައިކްރޯސޮފްޓް ވޯޑް ފައިލެއްގެ އެހީގައި ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްސް ތަކަށްވެސް އެޑޯބީ ފްލޭޝް ޕްލޭޔަރުގެ ޒަރީއާއިން އެހަމަލާ ދޭކަމަށް ވެއެވެ.

އެޑޯބީން އިންވަނީ ފްލޭޝް ޕްލޭޔަރ ބޭނުން ކުރާ ހުރިހާ ފަރާތަތަކަށް އެ ސޮފްޓްވެއާ އަޕްޑޭޓްކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ފްލޭޝް ޕްލޭޔަރު ކޮމްޕެޓިބަލް ނުވާތީ އެޕަލް އައިއޯއެސް އަށް މި އަޕްޑޭޓް ބޭނުން ކުރާކަށް ނުޖެހެ އެވެ.