ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓުރިވަންޑުރަމްއަށް ދަތުރުތައް ކުރާ ފަރާތްތަކުން އިންޑިއާ އަށް ދާން ބޭނުންވާ ވިސާ ހޯދުމަށް އެދޭ ފޯމް ބަލައިގަންނަން މިއަދު ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހަނިމާދޫން އިންޑިއާގެ ޓުރެވަންޑުރަމް އަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ވިސާ ހޯދުމަށް ބޭނުންވާ ފޯމްތަކާ މިއަދުން ފެށިގެން އައިލެންޑް އޭވިއޭޝަނުން ހަވާލުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފޯމްތަށް އައިލެންޑް އޭވިއޭޝަން އޮފީހަކާ ހަވާލުކުރުމުން 10 ދުވަހުގެ ތެރޭގައި ވިސާ ލިބިގެންދާނެ ކަމަށާއި ހަނިމާދޫގައި ހުންނަ އެ ކުންފުނީގެ އޮފީހުން ވެސް އެ ހިދުމަތް ދޭނެ ކަމަށެވެ.

"ބޭސް ފަރުވާ އަށް ދަންޏާ އެބަ ބޭނުންވޭ ޑޮކްޓަރުގެ ސިޓީއެއް، އޭގެ ތެރޭގައި ގަބޫލްކުރެވޭ ހޮސްޕިޓަލުތަކުގެ ލިޔުން ގަބޫލް ކުރަނީ އިންޑިއާ އެމްބަސީ އިން. އޭގެ ތެރޭގައި މާލެ އިން ނަމަ އައިޖީއެމްއެޗްއާއި އޭޑީކޭ ގަބޫލްކުރާއިރު އެކޮޅުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާނެ ދެއްތޯ މާލެއިން ސިޓީ ހޯދުމަށް. އެގޮތުން އިންޑިއަން ހައިކޮމިޝަނުން މިހާރު ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުންނާއި ދިއްދޫ ހޮސްޕިޓަލުގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލުން ވެސް އެލިޔުން ގަބޫލްކުރާނެ ގޮތަށް. އޭގެ އިތުރުން އެބަބޭނުންވޭ ބެންކް ސްޓޭޓްމަންޓަކާއި ޕާސްޕޯޓް ކޮޕީއަކާއި އައިޑީކާޑް ކޮޕީ،" ނަޝާތު ވިދާޅުވި އެވެ.

ހަނިމާދޫން ޓުރެވަންޑުރަމްއަށް ފަށާފައިވާ ދަތުރުތަކުގެ ތިން ވަނަ ދަތުރުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓާ އެކު އިންޑިއާގެ ވިސާ ވެސް ހަމަޖެހިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވީ ނަމަވެސް ނަޝާތު މިއަދު ވިދާޅުވީ ޓިކެޓާ އެކީ ވިސާ ހަމަޖެހިގެންދާނީ ވިސާޔަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ކަމަށާއި މިއަދުން ފެށިގެން ވިސާއަށް އެދުމަށް ބޭނުންވާ ފޯމްއާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވާނެ ކަމަށެވެ.

ހަނިމާދޫން ޓުރެވަންޑުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖައްސާފައި ވަނީ ރިޓާން 199 ޑޮލަރަށް (3068.58ރ.) އަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައި ވަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓުތަކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ހަނިމާދޫން ޓްރެވިންޑްރަމަށް ކުރާ ދަތުރުތަކުގެ ތަރުހީބު ރަނގަޅު ކަމަށާއި އަދި ވީސާގެ ކަންކަން ހަމައަކަށް އެޅުމުން ތަރުހީބު އިތުރަށް ރަނގަޅުވާނެ ކަމަށެވެ.