10 Feb 2013, 11:10
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 4-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ރެއާލް އަށް ނަގައި ދިނީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ލީޑް ރެއާލް އަށް ފުޅާ ކޮށްދިނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީ ހެޓްރިކް ހަދައިފަ އެވެ.
ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ބާކީ ބައި ފުރިހަމަ ކުރަންޖެހުނު ސެވިއްޔާއިން ރެއާލް ކޮޅަށް ކޮޅަށް ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މަނޫ ޑި މޮރާލް އެވެ.
ރެއާލްގެ ޖާޒީގައި ރޮނާލްޑޯ ރޭ ފުރިހަމަ ކުރި 20 ވަނަ ހެޓްރިކަށްފަހު އޭނާ ބުނީ، ސެވިއްޔާ އަތުން ރޭ މޮޅުވުމުގައި ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާ މެދު ހިތް ހަމަޖެހޭ ކަމަށާއި އަދި ކުރިއަށް އޮތްތާގައި ވެސް ރެއާލްއަށް ކާމިޔާބު ހޯދައި ދިނުމުގައި ދެމިހުންނާނެ ކަމަށެވެ.
ރޭގެ މެޗުން ރެއާލް އަށް ލިބުނު މޮޅާ އެކު ލީގުގެ ތިން ވަނަ މަގާމްގައި 46 ޕޮއިންޓާ އެކު އެޓީމް އޮތްއިރު، އެއް ވަނަ މަގާމްގައި 59 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި އޮތީ 50 ޕޮއިންޓާ އެކު އޮތް އެތްލެޓިކޯ މެޑްރިޑެވެ.