ޖަރުމަނުގެ އެޑިއުކޭޝަން މިނިސްޓަރު ޕްރޮފެސަރް ޑރ. އަނެޓޭ ޝޭވަން ކިޔަވާ ވިދާޅުވި ޔުނިވަސިޓީން އޭނާގެ ޑޮކްޓަރޭޓް ޑިގްރީ ބާތިލުކުރުމާ ގުޅިގެން އޭނާ އިއްޔެ މަގާގުން އިސްތިއުފާ ދެއްވައިފި އެވެ.

ޝޭވަން ޕީއެޗްޑީ ހާސިލުކުރެއްވިތާ 32 އަހަރު ފަހުން އޭނާ ކިޔަވާ ވިދާޅުވި ހެންރިޗް ހެއިން ޔުނިވަސިޓީ އިން އޭނާގެ ޑޮކްޓަރޭޓް ޑިގްރީ ބާތިލު ކުރީ އެހެން ބަޔަކު ހޯދައި ކުރިން ޕަބްލިޝް ވެސް ކޮށްފައިވާ މައުލޫމާތުތަކެއް، އަމިއްލަ މައުލޫމާތުގެ ގޮތުގައި، އަނެޓޭގެ ތިސީސްގައި ބޭނުންކުރައްވާފައިވާ ކަން ފަޅާ އެރުމުން ނެވެ. އޭނާ އެގޮތަށް އަމަލުކުރައްވާފައިވާ ކަން ފަޅާ އަރުވާލީ ކާކުކަން ނޭނގޭ ގޮތަށް ބްލޮގް ކުރި މީހެކެވެ.

އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމުގެ ގޮތުން ބޭއްވެވި ނޫސްކޮންފަރެންސްގައި ޝޭވަން ވަރަށް އަސަރާ އެކީ ވިދާޅުވީ ޑިގްރީ އަނބުރާ ހޯއްދަވަން ދައުވާ ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް މިހާރަށް ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.

"ފުރަތަމަ ގައުމު، ދެން ޕާޓީ، ދެން ތިމާ" ޝޭވަން ވިދާޅުވި ކަމަށް އެމެރިކާގެ ނިއުޔޯކްޓައިމްސްގައިވެ އެވެ.
ޝޭވަން އަކީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ސަރުކާރުން، ޕްލެޖަރިޒަމްގެ މައްސަލައިގާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ދެވަނަ ބޭފުޅާ އެވެ.

ޗާންސެލާ އެންޖެލާ މާކެލްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ކުރިން ހުންނެވި ކާލް ތިއޯޑޯ ގުޓެންބާގް 2011 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވީ ވެސް މިފަދަ މައްސަލައެއްގަ އެވެ.