10 Feb 2013, 10:37
ގއ. އަތޮޅު ކައުންސިލަރަކާއި ގެމަނަފުށީ ފަސް ކައުންސިލަރުންގެ އިތުރުން އެއަތޮޅު ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހުލޫފް މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއަށް ސޮއިކުރައްވާފައި ވަނީ ގއ. އަތޮޅު ކައުންސިލްގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަބްދުއްސަލާމް މުހައްމަދާއި ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދާއި ނާއިބް ރައީސް އަޖުވަދު މުހައްމަދުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ މުހައްމަދު ސޯލިހާއި މުހައްމަދު ހާޝިމް އަދި ފިޔާޒު ހަސަން ކަމަށެވެ. އަދި އެއަތޮޅު ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވެސް އެޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ވިދާޅުވީ ޕީޕީއެމް އަށް އޭނާ ސޮއި ކުރެއްވީ އެ ޕާޓީއަކީ އެނާ ގަބޫލުކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީ ކަމަށްވާތީ ކަމަށެވެ.
"އަޅުގަނޑަކީ އަބަދުވެސް ރައީސް މައުމޫނަށް ތާއިދުކުރާ މީހެއް. އަޅުގަނޑުގެ ސަޕޯޓަރުނަކީ ވެސް މައުމޫނަށް ތާއިދުކުރާ މީހުން. އޭގެ އިތުރުން އަޅުގަނޑު ގަބޫލުކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކީ ޕީޕީއެމް. އެހެންވެ އަޅުގަނޑު ޕީޕީއެމް މި ސޮއިކުރީ އެ ސިޔާސަތުތައް ގަބޫލުކުރެވޭތީ،" ރިފާއު ވިދާޅުވި އެވެ.
ރިފާއު ޕީޕީއެމް އަށް ސޮއިކުރެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ދެ ކައުންސިލަރުން ކަމަށެވެ.
އަންނަ ހަފްތާގެ ތެރޭގައި ކަނޑުހުޅުދޫގެ އިތުރު ކައުންސިލަރުންތަކެއް ޕީޕީއެމް އަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލްގެ ރައީސް ރިފާއު ވިދާޅުވި އެވެ.
ގެމަނަފުށީ ދައިރާގެ އަތޮޅު ކައުންސިލް މެންބަރު އަބްދުއްސަލާމް އިއްޔެ ޕީޕީއެމް އަށް ސޮއިކުރައްވާފައިވާއިރު މިއަހަރު ކުރީކޮޅު މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދާއިރާގައި ދެން ހުންނެވި ކައުންސިލަރު އާމިރު އަލީ ވެސް ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އަބްދުﷲ ޔާމީން އަށް ތާއިދު ހޯދުމަށް ޕީޕީއެމް އިން ގއ. އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި އެއަތޮޅު މާމެންދޫ ކައުންސިލްގެ ހަތަރު މެންބަރަކާއި ދެއްވަދޫ ކައުންސިލްގެ ތިން މެންބަރަކު ވެސް ވަނީ އެޕާޓީއަށް ސޮއިކުރައްވައިފަ އެވެ.