10 Feb 2013, 10:03
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދޭއް އެކަކުން ނިއުރޭޑިއެންޓް ސްޕޯޓްސް ބަލިކޮށް ބީޖީ ސްޕޯޓްސް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ފޯރިގަދަ ސެމީފައިނަލުގައި ބީޖީ އަށް ނިއުގެ ގޯލް ހުޅުވާލަދިނީ މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނިޓުގައި މުހައްމަދު ޝަބީން އާދަމް އެވެ. އަދި ދެ ވަނަ ހާފުގެ 66 ވަނަ މިނިޓުގައި އަލީ ޖިހާން އަށް ދެ ރީނދޫކާޑު ހަމަވުމާއި ގުޅިގެން ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން 10 މީހުންނާ އެކު ކުޅެމުން ދިޔަ ބީޖީ ވަނީ މެޗުގެ 77 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ ބީޖީގެ އަހްމަދު ޒައިދު އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނިޓަކަށް ވެފައިވަނިކޮށް ނިއުގެ އިބްރާހީމް އުޝާމަތު ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމުން ވަނީ ސުން ކަނޑުވާލާފަ އެވެ. އަދި ނަތީޖާ ހަމަހަމަ ކުރަން ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ކުރެވޭ ގޮތެއް ނުވެ މެޗު ނިމުނީ ދޭއް އެކަކުން ބީޖީ ކުރި ހޯދައިގެންނެވެ.
މެޗުގެ އިތުރު ވަގުތުގައި ނިއުގެ އިބްރާހީމް ސުހައިލަށް ވެސް ރެފްރީ ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ސެމީފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:05ގަ އެވެ.