10 Feb 2013, 10:01
ކޮންމެ މީހަކުވެސް އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމެކެވެ. ހުރިހާ ޙާލަތެއްގައިމެ އަރަހުށި މާތްﷲގެ މިންވަރުފުޅަށް ރުހި ޤަބޫލުވުމަކީ، އެމީހަކާމެދު އެކަލާނގެވެސް ރުހިވޮޑިގަންނަވާނެ ކަމެކެވެ. ރިޒުޤުގެ ގޮތުގައި ލިބޭ ކުޑަ މިންވަރަކާމެދު ރުހި ޤަބޫލުވާ މީހާގެ މަދު މިންވަރެއްގެ ހެޔޮ ޢަމަލާމެދު އެކަލާނގެ ވެސް ރުހިވޮޑިގަންނަވާނެއެވެ. ދީލަތިވަންތަ މާތްﷲ ހުރިހާ ޙާލަތެއްގައި ވެސް އެކަލާނގެ އަޅުތަކުންގެ ފަރިޔާދު އައްސަވައިވޮޑިގެން ވާނެއެވެ.
ތަޤްދީރާމެދު ޝަކުވާކުރުމަކީ، ހިތާމަޔާއި، މޮޅިވެރިކަމާއި، ހިތްދަތިކަމުގެ ދޮރު ހުޅުވައިލާ ކަމެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ނަގައިލާ ކަމެކެވެ. ތަޤްދީރާމެދު ޝަކުވާކުރުމަކީ އަރަހުށި މާތްﷲއާ މެދު ނުބައިކޮށް ހީކުރުމެވެ. ތަޤްދީރާމެދު ރުހި ޤަބޫލުވުމަކީ ހުރިހާ ހިތާމަތަކާއި ހިތްދަތިކަމެއްގެ އެންމެ މޮޅު ފަރުވާއެވެ. އުޚުރަވީ ޙަޔާތުގެ ސުވަރުގެ ލިބުމުގެކުރިން ދުނިޔަވީ ޙަޔާތުގެ ސުވަރުގޭގެ ދޮރުހުޅުވައިދޭ ކަމެކެވެ. ނަފްސާނީ ހަމަޖެހުން ލިބެނީ ތަޤްދީނާމެދު ނުރުހުންވެ ޝަކުވާ ކުރުމަކުން ނޫނެވެ. އަދި ކީއްތޯއެވެ؟ މިންވަރުފުޅާމެދު ރުހި ޤަބޫލުވުމުންނެވެ. ބޯލަނބައި ކިޔަމަންވުމުންނެވެ. އެހެނީ ކާއިނާތުގެ މުދައްބިރުގެ ޙިކުމަތްޕުޅަކީ އެއްވެސް މީހަކަށް އެކަމާމެދު އިނގިލި މަޅައިލެވޭނެ ކަމެއް ނޫނެވެ.
ތަޤްދީރާމެދު ރުހި މިންވަރަށް އީމާންވުމަކީ އިންސާނާއަށް ހިތްހަމަޖެހުން ލިބިދޭ ކަމެކެވެ. ހިތްގައިމުކަން ހޯދައިދޭ ކަމެކެވެ. އޭނާގެ ހިތުގައި ޝައްކުތަކާއި ވަސްވާސްތައް އުފެދޭ ވަގުތު އޭނާގެ ޢަޒުމު ވަރުގަދަކޮށްދީ، އުއްމީދުތައް އާލާކުރުވާ ކަމެކެވެ. އަރަހުށި މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ވަޢުދުފުޅަށް އިތުބާރުކުރާ މީހާ ޙާލުގެ ދުލުން ބުނާނީ މިއީ އަރަހުށި މާތްﷲ އަހަންނާ ކުރިމަތި ކުރެއްވި އިމްތިޙާނެކެވެ. އެކަލާނގެ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ. މިފަދައިންނެވެ.
މާތްﷲގެ މިންވަރުފުޅަށް ނުރުހުމާއި ނުޤަބޫލުވުމަކީ މާތްﷲ ގެ އަމުރުފުޅުތަކާ ޚިލާފުވެ އެކަލާނގެ ނަހީކުރެއްވި ކަންތައްތަކަށް އަރައިގަތުމަށް މަގު ފަހިކޮށްދޭ ކަމެކެވެ. އެކަލާނގެ ނިޔާފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ރަސްކަންފުޅަށް އުރެދުމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ފުރަގަސް ދިނުމެވެ. މާތްﷲގެ ރަޙުމަތްޕުޅުން ބޭރު ކުރައްވައިފައިވާ ޝައިޠާނާ އެކަލާނގެ އަމުރުފުޅަށް ބޯނުލެނބި ނުލެނބުމުގެ އަސްލަކީވެސް މިންވަރުފުޅާމެދު ނުރުހުމެވެ. އަރަހުށި މާތްﷲ ރާއްވަވައިފައިވާ ކާއިނާތީ މަޝްރޫޢު ބަލައިނުގަނެވުމެވެ. މުލްޙިދުންނާއި، މާތްﷲ އަށް އިންކާރުކުރާ މީހުންގެ ބޮޑުވެގެންވާ ޖަރީމާއަކީ އަރަހުށި މާތްﷲ ގެ މަތިވެރިވަންތަކަމާއި ރަސްވަންތަކަމުގެ "ރިދާކޮޅު" ފިރުކައިގަނެވިދާނެ ކަމުގައި ހީކުރުމެވެ. އެކަލާނގެ ގަދަކީރިތިވަންތަކަމުގެ ކުރިމަތީގައި ބޯލަނބައިނުލުމެވެ.
މިންވަރަށް އީމާންވުމުން އެމީހެއްގެ ހިތް އާރާސްތުވެފައިވާ މީހާއަށް އަރަހުށި މާތްﷲ ހިތުގެ މުއްސަނދިކަން ދެއްވައެވެ. އޭނާ ފުދުންތެރިކުރައްވައެވެ. މިންވަރަށް އީމާންވުމުގެ ފޮނިމޭވާއަކީ މާތްﷲ އަށް ޝުކުރުވެރި ވެވުމެވެ. މާތްﷲ އަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ މަތީ ހަރުފަތްތަކުގެ ތެރެއިންވެސް އުސް ހަރުފަތެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކާއި، އުފާވެރިކަމެއް އެބައެއްގެ ނަސީބުގައި ލިޔެވިފައިވާ މީހުންނަކީ މާތްﷲ އަށް ޝުކުރުވެރިވާ މީހުންނެވެ. އަރަހުށި މާތްﷲ އިރްޝާދު ދެއްވައިފައިވަނީ ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުކުރައްވާނެ ކަމެއް ކަމުގައެވެ.
ލޮބުވެތި އަޚާއެވެ! ހެއްދެވި ފަރާތަށް ކިޔަމަންތެރިވެވަޑައިގަތުމުގެ ފިޔަ ތިރިކޮށްލައްވާށެވެ. އެކަލާނގެ ރަސްކަންފުޅު ދެކެ ލޯބިވެވަޑައިގަންނަވާށެވެ. އެކަލާނގެ ދެއްވި ސުމާރެއް ނެތްހައި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަ ކުރައްވާށެވެ. އެކަލާނގެ ކުރިމަތިކުރައްވާ ބިރުތަކާއި، ހިތާމަތަކާއި، މަޙުރޫމުކުރެއްވުންތަކާ މެދު ކެތްތެރި ވެވަޑައިގަންނަވާށެވެ. އަމަންއަމާންކަމާއި، ޞިއްޙަތާއި، ހެޔޮ އާފިޔަތާއި، ދިގު ޢުމުރަކާއި، މަތީ ތަޢުލީމެއް ދެއްވީތީ ޝުކުރުވެރިވެވަޑައިގަންނަވާށެވެ. ވީހާވެސް ބޮޑަކަށް އެކަލާނގެ ރަސްކަންފުޅަށް ކިޔަމަންތެރި ވެވަޑައިގަތުމާއި، ނަމާދު ކުރެއްވުމާއި، ދުޢާ ކުރެއްވުމާއި، ޞަދަޤާތް ކުރެއްވުމުގެ ޒަރީޢާއިން އަމިއްލަ ނަފުސު ބާރުވެރި ކުރައްވާށެވެ. މިކަންކަމަކީ ތިމާގެ ކާކުކަން އަންގައިދޭ ކާޑު ކަމުގައި ހައްދަވާށެވެ. އޭރުން ހުރިހާ ބަލާއާފާތްތަކުން މިންޖުވެވަޑައިގެންނެވޭނެއެވެ. ހުރިހާ ތުރާތަކެއް ފަސޭހަވެގެން ދާނެއެވެ. ދަތި އުނދަގޫ ކޮންމެ ކަމެއްގެ ތެރެއިން ސަލާމަތާއި ކާމިޔާބީއަށް މަގެއް ފެނިވަޑައިގަންނަވާނެއެވެ. ހީކުރައްވައިފައިވެސް ނުވާ ދިމަދިމާއިން ރޯދިބަރަކާތް އޮއްސަވައިދެއްވާނެއެވެ.