ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ދެވަނަ ޑިވިޝަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި އިއްޔެ ވެސްޓް ސްޕޯޓްސް އަތުން މެޗް ކާމިޔާބުކޮށް، ފައިނަލާ ގާތައް އޮފް އެފްސީގެ ޓީމް ޖެހިލައިފި އެވެ.

ކުޅިވަރު އެކުއެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މެޗް އޮފް އެފްސީގެ ޓީމުން ކާމިޔާބުކުރީ 179 ލަނޑުން ނެވެ.

މުބާރާޓުގައި މިވީހާތަނަށް އޮފްއެފްސީ ކުޅުނު ތިން މެޗް ވެސް ކާމިޔާބުކޮށް، ފައިނަލާ ގާތައް ޖެހިލި އިރު، އިއްޔެގެ މެޗުގެ ޓޮސްދިމާވެގެން އެޓީމުން ކުޅެންއަރައި 40 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 304 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 66 ލަނޑުހެދި މުއާވިއަތު އަބްދުލްޤަނީ އާއި 52 ލަނޑު ހެދި މުހައްމަދު އަކްރަމް އެވެ. ވެސްޓް ސްޕޯޓްސް އިން ފިރުސާން އަށް އޯވަރުގެ ތެރޭގައި 52 ލަނޑަށް ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ވެސްޓް ސްޕޯޓްސް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 29 އޯވަރުގެ ތެރޭގައި 125 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑުހެދި މުސްތާގު އަހްމަދާއި 23 ލަނޑުހެދި މުހައްމަދު އަނަސްއެވެ. އަދި އޮފްއެފްސީ ޓީމުން މުއާވިއތާއި މުނާޒާއި އަނިލް އަދި އިސްހާގް ކޮންމެ އުކުންތެރިއެއް ދެ ވިކެޓްނެގި އެވެ.

އިއްޔެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮފް އެފްސީގެ މުއާވިއަތު އަބްދުލްޣަނީ އެވެ.

މުބާރާތުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ވެސްޓް ސްޕޯޓްސް އާއި ޔޫތް އެކަޑަމީގެ ޓީމެވެ. އެ މެޗް ކުޅޭނީ އެ ދުވަހުގެ ހެދުނު 9:30 ގައެވެ.