ބްރަސަލްސް (ފެބްރުއަރީ 10): އެމެރިކާ އިން އަފްޣާނިސްތާނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި އަފްޣާން ތުއްތުކުދިންގެތެރެއިން އެތައް ސަތޭކަ ތުއްތު ކުދިން މަރާލާފައިވާ މައްސަލާގައި އެމެރިކާ ކުށްވެރިކޮށް އދ. ން ނެރުނު ރިޕޯޓަށް ނޭޓޯ ދެކޮޅު ހަދައިފި އެވެ.

ނޭޓޯއިން ބުނީ އދ.ގެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމާ މެދު ޝައްކުކަމަށާއި ނޭޓޯގެ އެއްވެސް ޙަމަލާއެއް އާންމުންނަށް އަމާޒުކޮށްފައިނުވާނެ ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ވައިގެ ޙަމަލާތަކުގައި އަފްޣާން ތުއްތުކުދިންގެތެރެއިން އެތައް ސަތޭކަ ތުއްތު ކުދިން މަރާލާފައިވާ ކަމަށް ބުނާ އދ.ގެ ރިޕޯޓާ މެދު ކަންބޮޑުވާކަން ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ އދ.ގެ ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ. އަންނަ އެޕްރީލް މަހު އދ. ން ޝާއިޢުކުރުމަށް ހަމަޖެހިފައިވާ މިރިޕޯޓްގެ ދެލިކޮޕީ ބުނާގޮތުން ފާއިތުވި ހަތަރު އަހަރު ތެރޭގައި އެމެރިކާ އަފްޣާނިސްތާނަށް ދެމުންގެންދިޔަ ވައިގެ ހަމަލާތަކުގައި އެކިފަހަރުމަތިން މަރާލެވިފައިވާ އަފްޣާން ކުޑަކުދިންނާއި ތުއްތުކުދިންގެ ޢަދަދު އެތައް ސަތޭކަ އަށް އަރާކަން އދ. ން ކުރި ސަރވޭތަކުންނާއި އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ކަމުގަ އެވެ.

އެމެރިކާއަކީ އެގައުމުގެ ބޭނުންތަކާއި މަގްސަދްތައް ހާސިލްކުރުމަށް ޓަކައި އިންސާނީ ހައްގުތަކަށާއި ބައިނަލްއަގްވާމީ ގާނޫނާއި ޤަވާޢިދަށް ކުޑަވެސް ބާލާލުމެއް ނެތި ހިތުހުރި ގޮތަކަށް ބާރުގެ ބޭނުންކުރަމުންގެންދާ ގައުމެކެވެ. މީގެތޭރޭގައި ގައުމުތަކަށް އަރައިގަނެ ހަނގުރާމަފެށުމާއި ޑްރޯން މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ޝަރީޢަތަކާނުލާ މީހުން މެރުމާއި ޢާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ޙަމަލާދީ ޑަޒަންޑަޒަނަށް މީހުން މެރުން ހިމެނެ އެވެ. އެމެރިކާގެ މިފަދަ ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އދ.ގެ ރިޕޯޓްގެ ދެލިކޮޕީ ބުނާގޮތުން އެމެރިކާގެ ޙަމަލާތަކުގައި 2007 ން 2012 އަށް އަފްޣާން ޢާންމުންގެ 13 ހާސް މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު މީގެތެރޭގައި އެތަށް ސަތޭކަ ތުއްތުކުދިންނާއި ކުޑަކުދިން ހިމެނޭކަމުގަ އެވެ.
މިގޮތުން 2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު އެމެރިކާ ދިން ޙަމަލާތަކުގައި ވެސް އަފްޣާނިސްތާނުގެ 110 ކުއްޖަކު މަރާލާފައިވާ ކަމަށް އދ.ގެ ރިޕޯޓް ބުނެ އެވެ.

އަފްޣާނިސްތާނުގައި ކުރަމުންގެންދާ ހަނގުރާމައިގާ ތާލިބާނުންނާ ދެކޮޅަށް ދޭ ވައިގެ ޙަމަލާތަކުގެ 95 އިންސައްތަ ޙަމަލާތައްދެނީ އެމެރިކާ ކަމަށް ނޭޓޯ އިން ބުނެފައިވެ އެވެ. ދެހާސް އެކެއްގައި އެމެރިކާ އަފްޣާނިސްތާނަށް އަރައިގެން ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ދެމުން ގެންދާ ޙަމަލާތަކުގައި އަފްޣާން ޢާންމުންގެ ދެލައްކައެއްހާ މީހުން މަރާލެވިފައިވާނެ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. އަދި ތާލިބާނުންގެ ޙަމަލާތަކުގައި ވެސް އަފްޣާން ޢާންމުންގެ ދެލައްކައަށް ވުރެ ގިނަމީހުން މަރުވެފައިވާނެ ކަމަށް ވަނީ ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)