10 Feb 2013, 09:38
ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކްސް އަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން މީރާގެ ޓީމްތަކެއް އަތޮޅުތެރޭ ރަށްރަށަށް ދަތުރުތަކެއް ކުރަން ފަށައިފި އެވެ.
މީރާ އިން ބުނީ މީރާގެ ޓީމްތައް މިދިޔަ ހުކުރު ދުވަހު ދަތުރުތައް ފަށާފައި ވަނީ ހއ. ހދ. ގއ. ގދ. ޏ. އަދި ސ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ. މީރާ އިން ބުނީ އެ އަތޮޅުތަކަށް ދަތުރުތައް ކުރުމަށް ނިންމީ އެ އަތޮޅުތަކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި އަދި މިހާތަނަށް ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި ދައްކައިފައިވާ ފައިސާގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.
"މީރާގެ ޓީމުތަކުން ކުރާ މިދަތުރުތަކުގައި ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުންނަށް ޓެކްސްއާ ގުޅޭ މުހިއްމު މައުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމާއި ވިޔަފާރިތަކުން އަމަލު ކުރަމުންދަނީ ޓެކްސްގެ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށްތޯ ޗެކްކުރުމަށް ކޮމްޕްލަޔަންސް ޒިޔާރަތްތައް ކުރުމާއި ވިޔަފާރިތައް އޮޑިޓްކުރުން ހިމެނެ އެވެ." މީރާއިން ބުންޏެވެ.
މީރާ އިން ބުނީ އެ ޓީމްތަކުން ދަތުރުކުރާ ކޮންމެ އަތޮޅެއްގައި އެއް މަސް ދުވަހާއި ދޮޅު މަސް ދުވަހުގެ މުއްދަތެއް ހޭދަކުރާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި ރައްޔިތުން ޓެކްސްއާ ބެހޭ މައުލޫމާތު ބޭނުންވާ ނަމަ އެ ޓީމްތަކާ ބައްދަލުކޮށް މައުލޫމާތް ހޯދުމަކީ މީރާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.