10 Feb 2013, 09:05
ޤާހިރާ (ފެބްރުއަރީ 10): މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުށްވެރިކުރައްވައި އެގައުމުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލް ވާހަކަފުޅު ދައްކަވައިފި އެވެ.
ގިންދީލް ވިދާޅުވީ މިސްރަކީ ބޭރުގެ އިންވެސްޓްމަންޓާއި ފަތުރުވެރިކަމަށް ބަރޯސާ ކުރާ ގައުމަކަށްވާތީ މިސްރުގައި ހަމަނުޖެހުންތައް ހުއްޓުމެއްނެތި ކުރިޔަށްދިޔުމަކީ އިގްތިސާދު ހަލާކުވެ މިސްރުގެ ދައުލަތް ބަލިކަށިވެގެން ދާނެ ކަމެއްކަމަށާއި މިހާރު މިސްރުގައި ކުރިޔަށްދަނީ ގައުމުދެކެ ލޯބިވާ އެއްވެސް ރައްޔިތަކު އެކަމުގައި ބައިވެރިވެ ހިތްވަރުދޭން ޖެހޭނެ ޢަމަލުތަކެއްނޫން ކަމުގަ އެވެ. މިހަމަނުޖެހުންތަކުގެ ބޭނުމަކީ ސިޔާސީ ބޭނުންތަކެއްގައި މިސްރުގެ ސަރުކާރު އިނދަޖައްސާލައި މިސްރުގައި ޅަފަތުގައިއޮތް ޑމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުން ކަމަށްވެސް ގިންދީލް ތުހުމަތު ކުރެއްވި އެވެ.
މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިދިޔަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ވެސް އެކަކު މަރުވެ 200 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. ހަމަނުޖެހުންތައް ހިންގާ ފަރާތްތަކުން ގެންދަނީ ގަސްދުގައި ފުލުހުންނަށާއި ސަލާމަތީ ބާރުތަކުގައި ހިމެނޭ އެހެން ފަރާތްތަކުގެ އިތުރުން ސަރުކާރުގެ އިމާރާތްތަކަށް ވެސް ޙަމަލާދީ ހަމަނުޖެހުންތައް ފުޅާކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަމަލާދިނުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ޕެޓްރޯލް ބޮމާއި މޮލްޓޯވް ކޮކްޓެއިލް އާއި އޮއްގާ ހިމެނެ އެވެ.
މިގޮތުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޤާހިރާގައި މުޒާހަރާކުރިމީހުން ވަނީ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ޤާހިރާގެ މެދުތެރޭގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ވަށައިގެންވާ ފާރު ހުރަސްކޮށް ޕެޓްރޯލް ބޮމާއި މޮލްޓޯވް ކޮކްޓެއިލް އިން ޙަމަލާދީފަ އެވެ. ނަމަވެސް މިޙަމަލާތަކުގައި އެގަނޑުވަރަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ. ފުލުހުން އެންމެފަހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާކުރި މީހުން އެސަރަހައްދުން ފައްސާލާފަ އެވެ. މީގެއިތުރުން އިސްކަންދަރިއްޔާ އާއި ތަންތާ އަދި އެހެން ބައެއް ރައްރަށުގައިވެސް ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ.
މުޙައްލިލުން ދެކޭގޮތުގައި މިސްރުގައި މިހާރު ކުރިޔަށްދަނީ ރައީސް މުޙައްމަދު މުރުސީގެ ސަރުކާރު އިނދަޖައްސާލައި އޭނާގެ ސަރުކާރު ފޭލްކޮށްލުމަށް އިދިކޮޅު ޢިލްމާނީ ޚިޔާލުގެ ސިޔާސީ ލީޑަރުން ފަހަތުގައި ތިއްބަވައިގެން ކުރިޔަށްގެންދާ ދަށުދަރަޖައިގެ ސިޔާސީ ހަމަނުޖެހުންތަކެކެވެ. މިކަމުގެ ބޭނުމަކީ ރައީސް މުޙައްމަދު މުރްސީ ނިސްބަތްވެވަޑައިގަންނަވާ މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ސަރުކާރު ފޭލްވެފައިވާކަމާއި ސަރުކާރު ހިންގުމުގެ ޤާބިލްކަން އެޖަމާއަތުގެ ކިބައިގާ ނެތްކަން ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށްވެސް މިފަރާތްތަކުން ދެކެ އެވެ.
ރައީސް މުރުސީގެ ސަރުކާރަކީ ރައްޔިތުންގެ އިންތިޚާބަކުން ވަކިމުއްދަތަކަށް އައިސްފައިވާ ސަރުކާރަކަށްވެފައި މުރުސީ ކަންތައްތައް ކުރައްވަނީ ކަމާބެހޭ ދިމުޤްރާތީ މުއައްސަސާތަކުގެ ތެރެއިން ކަމަށްވާއިރު އަދި އިދިކޮލު ފަރާތްތަކުން ދެކޮޅުހަދާ މިސްރުގެ ޤާނޫނު އަސާސީއަކީވެސް ރައްޔިތުން ގެ ވޯޓަކުން ފާސްވެފައިވާ އެއްޗަކަށްވާ އިރު މިސްރުގައި ހަމަނުޖެހުން އުފައްދަންޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށްވެސް މުޙައްލިލުން ހާމަކުރެ އެވެ. (ނޫސްއެޖެންސީތައް)