10 Feb 2013, 08:33
ހުސްވި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ވިކްޓަރީ ކޮޅަށް ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު އިމްރާން މުހައްމަދު އަމިއްލަ އޭރިއާ ތެރޭ ހުރެ ސައްޕަކުން ޖެހި ގޯލުގެ ވީޑިއޯ "ޔޫޓިއުބުން" އެއްމިލިއަނަށް ވުރެ ގިނަ މީހުން ބަލައިފި އެވެ.
http://www.youtube.com/watch?v=wxgTb8GjClM
އިމްރާންގެ ގޯލުގެ ވީޑިއޯ ޔޫޓިއުބުގައި ހުސްވިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޝާއިއު ކުރިފަހުން، މިއަދަށް ހަތަރު މަސް ވާއިރު، ޔޫޓިއުބުން އެ ވީޑިއޯ ބެލިމީހުންގެ އަދަދަކީ 1023797 (އެއްމިލިޔަން ތޭވީސްހާސް ހަތް ސަތޭކަ ނުވަދިޔަ ހަތް) މީހުންނެވެ. އެހެން ނަމަވެސް އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވާނެ ކަމަށް ފުޓްބޯޅައިގެ ދާއިރާގައި އުސް ހަރުފަތްތައް ކަޑައްތުކުރަމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އިމްރާންގެ ތާރީހީ ގޯލަކީ ފަހުގެ ތާރީހެއްގައި ދިވެހި ކުޅުންތެރިއަކު ޖެހި މޮޅު ގޯލެއް ކަމަށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ދިވެހިން ބުނާއިރު ރާއްޖޭގެ މީޑިއާތަކުގައި ވެސް އެދުވަސް ވަރު އެވާހަކަތައް ދެކެވުނީ ހަމައެގޮތަށެވެ. "އެއީ މޮޅު، ރީތި، ފުރިހަމަ، ހިތްގައުމު" ގޯލެއްގެ ގޮތުގަ އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއަންޓުން ނިކުންނައިރު، އެޓީމުގެ ކެޕްޓަނަކަށް ވެސް މިހާރު ހަމަޖައްސާފައިވާ އިމްރާން އެގޯލު ޖެހީ، ހުސްވިއަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ވިކްޓަރީއަތުން 2- 1 އިން ނިއުރޭޑިއަންޓް މޮޅުވި މެޗުގަ އެވެ.
އިމްރާނުގެ ގޯލުގެ ވީޑިއޯގެ މަގުބޫލުކަން، ވީޑިއޯ ޝެއާކުރާ ދުނިޔޭގެ އެންމެ މަޝްހޫރު ވެބްސައިޓުގައި ބޮޑުވިއިރު އެ ގޯލުގެ ވާހަކަ ބައިނަލް އަގުވާމީ ނޫސްތަކަށް ވެސް އެ ދުވަސްވަރު ވަނީ އަރައިފައެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި 30 ވަނަ މަގާމްގެ ގޮތުގައި މިވަގުތު އޮތް ޗިލީގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ބިއޯ ބިއޯ ނޫހުގެ ފަލަސުރުހީއަށް ވަނީ އަރާފަ އެވެ. އަދި ޔޫކޭގެ ހަފިންޓަން ޕޯސްޓަށް ވެސް އިމްރާންގެ ވާހަކަ އެދުވަސް ކޮޅު އަރާފައިވާ އިރު، ރިޕަބްލިކް އޮފް އަޔަލޭންޑުގެ ނޫހަކަށް ވެސް އެވާހަކަ އެރި އެވެ. އަދި ސްޕޭން، ބްރެޒިލް އާޖެންޓީނާ، ޔޫއެސްއޭ، ޕޯޗްގަލްގެ ނޫސްތަކަށް ވެސް އިމްރާނުގެ ގޯލުގެ ވާހަކަ އެ ދުވަސްކޮޅު އެރި އެވެ.
ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީ ސަފުގައި ވިދަމުން އަންނަ ގައުމުތަކުގެ "ވަރުގަދަ ކުޅިވަރު ނޫސްތަކަށް ރާއްޖޭގެ ގައުމީ ކީޕަރު އިމްރާން ޖެހި ގޯލުގެ ވާހަކަ އެރިއިރު، ސާކް ސަރަހައްދުގެ ގައުމުތައް ތިބީ އެކަމާ ހައިރާންވެ، ބުނާނެ އެއްޗެއް ނޭގިފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން އެދުވަސް ކޮޅު ބުނެފައި ވެއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެމެޗުގައި އިމްރާން ވިކްޓަރީ ކޮޅަށް ގޯލް ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން ލީޑް ނަގާފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
އެލަނޑު އޭނާ ޖެހީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހި ސައްޕު، ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އޮއްސެން ދިޔައިރު، ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ވެސް ޖެހިފަ އެވެ. އަދި އިމްރާން ޖެހި އެ ބާރު ސައްޕު ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވެސް ޖެހުނެވެ. އެކަމަކުވެސް ފައިސަލަށް އެ ބޯޅަ ދިފާއުކުރެވޭ ގޮތެއް ނުވި އެވެ.
ގޯލްކީޕަރު އިމްރާންގެ އިތުރުން އެމެޗުގައި ދެން ނިއުއަށް ގޯލްޖަހައި ދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ވިކްޓަރީން ނިއު ކޮޅަށް ޖެހިގޯލް އެދު ވަހު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބެވެ.
ދިވެހި ގައުމީ ޓީމްގެ ގޯލުވެސް ބަލެހެއްޓުމުގައި މިއަދު މިގައުމުގައި ހުރި އެންމެ ތަޖުރިބާ ކާރު ގޯލް ކީޕަރު އިމްރާން ޖެހި ގޯލް ފަހުގެ ތާރީހުގައި ޖެހި އެންމެ ރީތި ގޯލަށް ވީއިރު، ޕްރެޒިޑެންޓް ކަޕްގެ ތަށި ވެސް މިދިޔަ އަހަރު އުފުލާލީ ވެސް އިމްރާންގެ ޓީމް ނިއުރޭޑިއަންޓުންނެވެ.
ފުޓްބޯޅައިގައި ސަރަހައްދުގެ އެއްވަނަ ޓީމުގެ ގޮތުގައި ފާއިތުވި ހަ މަސް ދުވަހު ވެސް ރާއްޖެ އެންމެ ކުރީގައި އޮތްއިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އަދި އޮތީ 159 ވަނަ މަގާމް ގައެވެ.