10 Feb 2013, 04:51
އަންޒަމާނުއްސުރެ ދިވެހީން ދަނީ ތަފާތު ބޭނުންތަކުގައި ރާއްޖެ އިން ބޭރަށް ދަތުރު ކުރަމުންނެވެ. ޕާސްޕޯޓަކާ ނުލައި ދަތުރު ކުރި ޒަމާނު ވެސް އަދި ޕާސްޕޯޓާ އެކު ދަތުރު ކުރާން ފެށި ފަހުން ވެސް ދިވެހީން އާންމުކޮށް ގޮސް އުޅޭ އެއްވެސް ގައުމެއްގައި ޝައްކުގެ ނަޒަރަކުން ބަލައިގެން ތަފާތު ގޮތަކަށް ދިވެހީންނާ މުއާމަލާތު ކުރަމުން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު ކަން އޮތީ އެހެންނަކުން ނޫނެވެ.
ކުރީގައި ދިވެހި ޕާސްޕޯޓަކީ ވަރަށް އަގު ހުރި ޕާސްޕޯޓެކެވެ. ދިވެހި ޕާސްޕޯޓެއް ހިފައިގެން ކޮންމެ ގައުމަކަށް ދިޔަޔަސް އެއްވެސް އުނދަގުލަކާ ނުލައި އެ ގައުމަކަށް ވަދެވެ އެވެ. ދިވެހި ޕާސްޕޯޓު އޮންނަ މީހަކާ ގައުމުތަކުގެ އިމިގްރޭޝަނުން މާ ގިނަ ސުވާލުތަކެއް ނުކުރެ އެވެ. އެހެން ނަމަވެސް މިއަދު ދިވެހި ޕާސްޕޯޓަކީ ގިނަ އިރު އެއާޕޯޓުގައި މަޑުު ކުރާން ޖައްސުވާ ސަބަބެކެވެ.
އާންމުކޮށް ކޮންމެ އަހަރަކު ސިންގަޕޫރަށް ދާ ދިވެހި ވިޔަފާރިވެރިއަކު ބުނި ގޮތުގައި މި ފާއިތު ވި 35 ވަރަކަށް އަހަރު ތެރޭގައި އެތައް ފަހަރަކު އޭނާ ސިންގަޕޫރަށް ގޮސްފައިވާ އިރު، ދުވަހަކު ވެސް ސިންގަޕޫރުގެ އިމިގްރޭޝަނުގައި މަޑު ކުރާން ޖެހިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ސިންގަޕޫރަށް ދިޔަ ތިން ފަހަރު ވެސް އިިމިގްރޭޝަނުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާން ޖެހުނެވެ. އެއްވެސް ސަބަބެއް ނެތީހެވެ.
ވަރަށް ސުލްހަވެރި ދިރިއުޅުމެއް އުޅެމުން ދިޔަ އަދި މެހުމާނުންނަށް ކަމޭ ހިތުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައި ފާހަގަ ކުރެވުނު ދިވެހީންނާ މެދު އެހެން މީހުން މުއާމަލާތް ކުރަމުންދާ ގޮތް މިފަދަ ގޮތަކަށް ބަދަލު ވެގެން މި ދިޔައީ ކީއްވެގެން ހެއްޔެވެ؟
ޝައްކެއް ވެސް ނެތް ގޮތުގައި މި ކަމުގެ ސަބަބަކީ، ކުރީގައި ސުލްހަވެރިކަމުގެ ގޮތުން މަޝްހޫރު ވެފައިވާ ދިވެހީންގެ ތެރޭގައި، މިއަދު ދުނިޔޭގެ މީހުން، މިހާރު އެންމެ ޖެހިލުން ވާ ބާވަތުގެ މީހުން ތިބި ކަމަށް ކުރެވޭ ތުހުމަތުތަކެވެ. ދިވެހީންގެ ތެރޭގައި ގިނަ އަދަދަކަށް އިރުހާބީން ނުވަތަ ޓެރަރިސްޓުން ތިބި ކަމަށް ގަބޫލު ކުރެވޭ ކުރެވުމެވެ.
ޖަޒުބާތާއި ޖާހިލުކަމުގެ އޮއިވަރުގެ ތެރެއިން އުފަންވި އިރުހާބިއްޔަތުގެ މޫތައް ރާއްޖެއާ ހަމައަށް ވެސް ފޯރައިފައިވާ ކަމާ މެދަކު ދެބަސް ވެވޭކަށް މިއަދަކު ނެތެވެ. އެހެން ނަމަވެސް ދިވެހީންގެ ތެރޭގައި އިރުހާބީން ތިބި ނިސްބަތާއި، ދިވެހިރާއްޖޭގައި އިރުހާބިއްޔަތު އޮތް މިންވަރާއި އިރުހާބީ ހަރަކާތްތަކުގައި ދިވެހީން ބައިވެރިވާ ބޮޑުކުޑަ މިނާ މެދު ދުނިޔެއަށް ލިބިފައި ވަނީ ހަގީގީ މަންޒަރެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ރާއްޖެއާ މެދު މިފަދަ ނުބައި މަންޒަރެއް ކުރެހިގެން ގޮސްފައި ވަނީ އެހެން ގައުމެއްގެ ބަޔަކު ދިވެހީންގެ އަގު ވައްޓައިލާން ކުރި މަސައްކަތެއްގެ ނަތީޖާއަކުން ނޫނެވެ. މިއީ ދިވެހީން އަމިއްލައަށް ދެއްކި މަންޒަރެކެވެ. ކަމުގެ ހައްސާސް ކަމާ މެދު ނުވިސްނައި ދެއްކި ވާހަކަތަކެއްގެ ނަތީޖާ އެވެ.
ޕާކިސްތާނުގައި ހަރަކާތްތެރިވާ އިރުހާބީ ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު އެ ޖަމާއަތަށް ވައްދަމުންދާ ކަމަށާއި، އެ އަދަދު ހާހުން ގުނޭ ވަރަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޕާކިސްތާނަށް ކިޔަވާން ދާ ދިވެހި ހުރިހާ ދަރިވަރުން ތާލިބާން ޖަމާއަތަށް ތާއީދު ކުރާ ކަމަށާއި، އެ ކުދީން ތާލިބާން ޖަމާއަތަށް ވާގިވެރިވާ ކަމަށާއި، އެމީހުން ޕާކިސްތާނުގައި ހަނގުރާމަ ކުރަމުންދާ ކަމަށް ދިވެހިރާއްޖޭގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ރައީސް ނަޝީދު، އިންޑިޔާގެ ސީއެންއެން-އައިބީއެން ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުން ވެގެން ދިޔައީ މުޅި ދުނިޔެ ވެސް މި ކުޑަކުޑަ ދިވެހިރާއްޖެއާ މެދު ދެކެމުން އައި ގޮތް ބަދަލު ކޮށްލި ކަމަކަށެވެ.
އަދި ހަމަ އެހެންމެ އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ޝަހަރު ކަމަށްވާ މުންބާއީ އަށް ދިން އިރުހާބީ ހަމަލައާ ދިވެހީންނާ ގުޅުން ހުރި ކަމަށް އިހްސާސް ކުރެއްވޭ ކަމަށް 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އިންޑިޔާގައި ހުންނަވައިގެން، އިންޑިޔާގެ ވެބްސައިޓެއް ކަމަށް ވާ ބިޒްނަސް ސްޓޭންޑަޑް ޑޮޓް ކޮމްގެ ލިޔުންތެރިޔާ ޖިޔޯތީ މަލްހޯތުރާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވުން ވެގެން ދިޔައީ އަވަށްޓެރި އިންޑިޔާ އިން ދިވެހީންނާ މެދު ދެކެމުން އައި ގޮތާއި އެ ގައުމަށް ގޮސް އުޅުމުގައި ދިވެހީންނަށް ހާއްސަކޮށް ދީފައި އޮތް ލުއިފަސޭހަ ފުރުސަތުތަކާ މެދު ދެވަނަ ވިސްނުމަކުން ވިސްނާން މަޖުބޫރު ކުރުވި ކަމަކަށެވެ.
އަދި ހުސްވި 2012 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އިނގިރޭސި ހާރިޖީ ސެކްރެޓަރީ ވިލިއަމް ހޭގާ ބައްދަލު ކުރެއްވުމަށް ފަހު، އެ ގައުމުގެ އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުގައި، ރާއްޖެއަށް އައި ސިޔާސީ ބަދަލާ އެކު ރާއްޖޭގައި "ހަރުކަށި މުސްލިމުންގެ" ނުފޫޒު އިތުރު ވެފައިވާ ކަމަށާއި ރާއްޖޭގައި އަލްގައިދާއިން ހަމަލައެއް ދިނުމުގެ ބިރުވެރިކަން މިހާރު އެބަ އޮތް ކަމަށް ވިލިއަމް ހޭގުގެ އަރިހުގައި ވިދާޅުވެފައި ވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ވެސް ޓެރަރިޒަމާއި ދިވެހީންނާ ގުޅުވައިގެން އެތައް ވާހަކަތަކެއް އަލުން އަނެއްކާ ވެސް ދުނިޔޭގެ މީޑިޔާގައި ވަނީ ފެތުރިގެން ގޮސްފަ އެވެ.
ދިވެހީންގެ އެތައް ސަތޭކަ ބަޔަކު އިރުހާބީ ޖަމާއަތްތަކާ ގުޅިގެން އުޅޭ ކަމަށް ދިވެހިރާއްޖޭގެ އެންމެ އިސް ވެރިޔާ ވިދާޅުވުމުން ހާއްސަކޮށް އަވަށްޓެރި އިންޑިޔާ ފަދަ ގައުމަކަށް އެ އަދަދު ފެންނާނީ ވަރަށް ވެސް ބޮޑު ކޮށެވެ. އެހެނީ ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް މި ގައުމުގެ އެންމެ 300 މީހުންނަކީ ވެސް ގައުމުގެ އާބާދީގެ ނިސްބަތުން ބަލާ އިރު، 0.1 އިންސައްތައެވެ. އެއީ އިންޑިޔާގެ ނިސްބަތުން ބަލައިފި ނަމަ، 1.2 މިލިޔަން މީހުންނެވެ. އެހެން ކަމުން ދިވެހީންގެ ތެރޭގައި އިރުހާބީ ޖަމާއަތްތަކުގައި ހަރަކާތްތެރިވާ އެތައް ސަތޭކަ ބަޔަކު އުޅެއޭ ބުނުމަކީ އާދައިގެ އަދި ސަމާސާ ވާހަކައެއް ނޫނެވެ.
އިންޑިޔާ އާއި އެމެރިކާގެ އިތުރުން ވެސް އެތައް އޭޖެންސީއެއް ގުޅިގެން މުންބާއީ ހަމަލައާ ގުޅޭ ގޮތުން ހޯދި ހޯދުންތަކާއި ކުރި ތަހުގީގުތަކުން މި ހަމަލައާ ދިވެހީންނާ ގުޅުން ހުރި ކަމުގެ ލިސާނެއް ވެސް ވެފައި ނުވާ އިރު، ގައުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވައިގެން އެފަދަ ވާހަކައެއް ދެއްކެވުމަކީ އޭގެ ސަބަބުން ގައުމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަން ރައީސް ނަޝީދު އެއްވެސް ވަރަކަށް ވިސްނައިވަޑައިގެން ނެތް ކަމަށް ގަބޫލު ކުރެވެ އެވެ.
އިންޑިޔާ އާއި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ކުރި ތަހުގީގުުތަކުން އެނގިފައިވާ ގޮތުގައި މުންބާއީ ހަމަލައަކީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާއިން ރާވައިގެން ދިން ހަމަލައެކެވެ.
މުންބާއީ ހަމަލަ ދިން މީހުންގެ ތެރެއިން ދިރި ހުއްޓައި އިންޑިޔާގެ ފުލުހުންނަށް އަތުލައިގަނެވުނު ހަމައެކަނި މީހާ ކަމަށް ވާ، ޕާކިސްތާނުގެ މުޙައްމަދު އަޖްމަލް ޢާމިރު ޤަޞަބަށް އިންޑިޔާގައި ވަނީ ފައިބެ އަހަރު ނޮވެންބަރު މަހުގައި މަރުގެ އަދަބުދީފަ އެވެ. ހަމައެހެންމެ މުންބާއީ ހަމަލައިގައި ބައިވެރި ވި ކަން ސާބިތު ވުމުން ޑޭވިޑް ކޯލްމަން ހެޑްލީ (ދާއޫދު ގީލާނީ) ނަމަކަށް ކިޔާ އެމެރިކާގެ ރައްޔިތަކަށް އެމެރިކާގެ ޗިކާގޯގެ ކޯޓަކުން ވަނީ 35 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި މުންބާއީ ހަމަލައިގެ ބައިވެރީންނަށް ފޯނުން އިރުޝާދު ދެމުން ދިޔަ ކަމުގައި ތުހުމަތުގައި އަބޫ ހަމްޒާ ނުވަތަ ސައްޔިދު ޒަބީބުއްދީން ނަމަކަށް ކިޔާ އިންޑިޔާ މީހަކު ވަނީ 21 ޖޫން 2012 ވީ ބުރާސްފަތި ދުވަހު ނިއުދިއްލީގެ އެއާޕޯޓުން ހައްޔަރު ކޮށްފަ އެވެ. އެހެންކަމުން މުންބާއީގެ މައްސަލަ އަކީ އިންޑިޔާއިން ސަމާސާ ގޮތަކަށް ބަލާ މައްސަލައެއް ނޫންކަން އެނގެއެވެ. މި މައްސަލައިގައި އެއްވެސް ދިވެއްސެއްގެ ބައިވެރި ވުމެއް އޮތް ނަމަ އެމީހަކު މިހާރު ހުންނާނީ އިންޑިޔާގެ ކަމާ ބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި ކަން ޔަގީނެވެ.
ކޮންމެއަކަސް އެހެން ގައުމަކަށް ދިން ހަމަލައެއްގައި ތިމަންނާގެ ގައުމުގެ ބަޔަކު ބައިވެރިވާ ކަމަށް ގައުމެއްގެ ރައީސް އަމިއްލަފުޅަށް ވިދާޅުވެއްޖެ ނަމަ އެކަމުގެ ނުރަނގަޅު އަސަރު ފެންނާނެ އެވެ. ދެ ހާސް ނުވަ ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އަވަށްޓެރި އިންޑިޔާގައި ދިވެހީންނާ މެދު ދެކޭ ގޮތަށާއި ދިވެހީންނާ މުއާމަލާތް ކުރާ ގޮތް ވަރަށް ބޮޑަށް ތަފާތު ވެފައިވާކަން 2009 ވަނަ އަހަރުގެ ކުރީން އަވަށްޓެރި އިންޑިޔާ ގޮސްފައި ވާ ފަރާތްތަކަށް ފާހަގަ ކުރެވޭނެ އެވެ.
ޚުދު އަޅުގަނޑަށް ވެސް ވަނީ މިފަދަ ތަޖުރިބާއެއް ކުރެވިފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ނޮވެންބަރު މަހުގައި އަޅުގަނޑާއި ދިވެހިރާއްޖޭގެ މުއައްސަސާއެއްގެ އިސް ވެރިޔަކު އިންޑިޔާގެ ޕޫނާގައި ތިބެފައި މުންބާއީއަށް ގޮސް މުންބާއީގައި ތިބޭނެ ކޮޓަރިއެއް ހޯދަން އުޅުމުން ކޮޓަރިއެއް ނުލިބުނީ އަޅުގަނޑުމެން ދިވެހީންނަށް ވީތީއެވެ. އަޅުގަނޑުމެން ތިން ހޮޓަލަކަށް ވަން އިރު، އެ ތިން ތަނުގައި ވެސް ހުސް ކޮޓަރި ހުއްޓެވެ. ތަނުގެ ކުލި އަހައި، ކޮޓަރި ބަލައި ހެދުމަށް ފަހު ކޮޓަރި ހިފާން ވެގެން، ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ޓަކައި އައިޑީ ކޮބައިހޭ އެހުމުން އަޅުގަނޑުމެން ދިވެހި ޕާސްޕޯޓު ދެއްކުމުން ބުނަނީ ދިވެއްސަކަށް ކޮޓަރި ދޭން ނުކެރޭނެ ކަމަށެވެ. ތިމަންނަމެން ވެސް ފައިސާ ބޭނުން ކަމަށާއި އެހެން ނަމަވެސް ދިވެއްސަކަށް ކޮޓަރި ދިނުމުން ކުރިމަތި ވެދާނެ މައްސަލައަކަށް ޓަކައި ކޮޓަރި ދޭން ނުކެރޭނެ ކަމަށެވެ. ދެން އަޅުގަނޑުމެން ޖެހުނީ މުންބާއީން ފުރައިގެން އެހެން ތަނަކަށް ދާށެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި ދިވެހީންނަކީ ނުރައްކާތެރި ބައެއް ކަމަށް ސިފަވެވި އެފަދަ ތަޖުރިބާއެއް މުންބާއީގައި އަޅުގަނޑުމެންނަށް ކުރާން ޖެހުނީ މުންބާއީ ހަމަލައާ ދިވެހީންނާ ގުޅުމެއް ވާހަކަމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުގެ ސަބަބުންނެވެ. އެއީ އޭރުގެ ހާލަތެވެ.
ރައީސް ނަޝީދު ދިވެހީންނާ ޓެރަރިޒަމާ ގުޅުވައިގެން ވާހަކަ ދެއްކެވުމުން، ރާއްޖޭގެ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއް ކަމަށް ވާ ޝަހީދު ޒަކީ އޭރު ވެސް ވަނީ އެފަދަ ވާހަކަފުޅެއްގެ ސަބަބުން ދިވެހީންނަށް ވިސާ ލިބުން ފަދަ ކަންކަން އުނދަގޫ ވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ގައުމުގައި ޓެރަރިޒަމް ފެތުރުނަ ނުދިނުމަށާއި ޓެރަރިޒަމުގެ ވަބާއިން ގައުމު ސަލާމަތް ކުރާން މަސައްކަތް ކުރުމަކީ އެންމެން ގުޅިގެން ކުރާން ޖެހޭ ކަމެކެވެ. ޓެރަރިޒަމް ހުއްޓުވާން މަސައްކަތް ކުރުމުގެ ބަދަލުގައި އަހަރުމެންގެ ގައުމުގައި ވެސް ޓެރަރިޒަމް އެބައޮތޭ ކިޔައިގެން، ކަމަކާ މެދު ފަހުރުވެރިވާން މީހުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުމަކީ ގައުމުގެ އަގު ވައްޓައިލުމެވެ. އެއީ ގައުމަށް ހެޔޮ އެދޭ މީހަކު ކުރާނެ ކަމެއް ނޫނެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުން އުޅޭ ގައުމުތަކުން ވެސް މަސައްކަތް ކުރަނީ އެ ގައުމުތަކުގެ މޫނު ރީތި ކުރެވޭތޯ އެވެ. އެހެން ނަމަވެސް މި ދިވެހިރާއްޖޭގެ ސިޔާސީ މީހުންގެ ކިބައިން މި ފެންނަނީ ސިޔާސީ ވާދަވެރި ކަމުގައި ރާއްޖޭގައި ކަންތައްތައް އޮތް ވަރަށް ވުރެ ވެސް ނުބައިކޮށް ރާއްޖޭގެ މަންޒަރު ބޭރަށް ދައްކާން މަސައްކަތް ކުރާ ތަނެވެ.
ދިވެހިރާއްޖެ އަކީ ފަތުރުވެރިކަން ފަދަ ނާޒުކު ސިނާއަތެއްގެ މައްޗަށް ބަރޯސާ ވެގެން އޮތް ގައުމަކަށްވާ އިރު، ބޭރު ދުނިޔޭގައި ދިވެހީންގެ ގައިގައި އިރުހާބީންގެ ނަން ބޯޑު އަޅުވަމުންދާ ނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ ނަން ހުތުރު ވެ، އެތެރެ އާއި ބޭރުން އެކަމުގެ ހިތި ނަތީޖާތައް ދާނީ ފެންނަމުންނެވެ. މިއީ އަމިއްލަ ފަރުދީ އަދި ވަގުތީ މަސްލަހަތު ކުރިޔަށް ނެރުއްވައިގެން އުޅުއްވާ ސިޔާސީން ސަމާލުވާން ވެއްޖެ ކަމެކެވެ. އެފަދަ ސިޔާސީންގެ އަމަލުތައް އިސްލާހު ނުކުރާ ނަމަ ރައްޔިތުން ރައްޔިތުންގެ ބަސް އިއްވައި، އެފަދަ ސިޔާސީންގެ ކިބައިން ގައުމު މިންޖު ކުރާން ޖެހޭނެއެވެ. އެހެން ނޫނީ މިހާރު ކުރިމަތިވަމުން ދާ ދަތިތަކަށް ވުރެ ބޮޑު ދަތިތަކަކާ ކުރިމަތިލާން ވެސް އޮންނާނީ ޖެހިފަ އެވެ.