ފުލުހުންނާއި ސިފައިންނަކީ ވަރަށް އަގުހުރި ގައުމީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބައެއް ކަމަށާއި އެ ފަރާތްތަކަށް ލިބެން ޖެހޭ ފުރިހަމަ އިހުތިރާމާއި ގަދަރު ލިބިދިނުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަަޔަންސް (އެމްޑީއޭ) އޮން ގޮވައިލައިފި އެވެ. އެމްޑީއޭ ގެ ފަރާތުން މި ކަމަށް ގޮވައިލެއްވީ އެ ޕާޓީގެ ފަރާތުން ނ. ކެނދިކުޅުދޫ ގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޕާޓީގެ އިންތިގާލީ ނައިބު ލީޑަރު ޢާއިޝަތު ރަފިއްޔާ އެވެ.

ރަފިއްޔާގެ ވާހަކައިގައި ވިދާޅުވީ ދިވެހި ފުލުހުން އަދި ސިފައިންނަކީ އެ ބޭފުޅުންގެ ދާއިރާއިން ޚާއްސަ ތައުލީމާއި ތަމްރީނު ލިބިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި އެކުގައި ކަމަށެވެ. އެއީ ވަރަށް ވެސް މުހިންމު ގައުމީ މަސައްކަތެއް ކަމަށާއި އެކަން މުޖުތަމައުގައި ބަލައިގަތުމަށް ރަފިއްޔާ އެދިވަޑައިގަތެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް ފުލުހުންނާއި ސިފައިންގެ މައްޗަށް އެއްވެސް ކަހަލަ ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ފަދަ އަމުރަކަށް ދިވެހި ފުލުހުންނާއި ސިފައިން ކިޔަމަން ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ކެނދިކުޅުދޫގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ކަންތައްތަކުން މެޑަލް ޖަހަން ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި އެކަނިވެރި މައިންނަށް ލިބިދެވޭ އިނާޔަތަކީ ވަކި ބަޔަކު ހޯދައިދިން އެއްޗެއްގެ ގޮތުގައި ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެއީ އެެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިނާޔަތް ތަކަކީ ގާނޫނު އަސާސީގައި ލިޔެފައިވާ އަދި ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް ލިބޭނެ އެއްޗެއް ކަމަށާއި އެހެން ނަމަވެސް އެ އިނާޔަތުގެ ގޮތުގައި މިހާރު ލިބޭ އަދަދަކީ އެންމެ އެކަށީގެންވާ މިންވަރު ކަމަށް އެމްޑީއޭ އިން ގަބޫލު ނުކުރާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. ހަގީގަތް އޮޅުވައިލުމަށް ސިޔާސީ މިހުން ދައްކާ ވާހަކަ ތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް އެމްޑީއޭ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

މި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މައުރޫފު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހާލަތު މިހާރު މި އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލު ކުރެވޭނީ ރައްޔިތުން ގުޅިގެން ސިޔާސީ ގޮތުން މަސައްކަތް ކުރާން ސިޔާސީ މައިދާނަށް ނުކުމެގެން ކަމަށް ވިދާޅުވި އެވެ. މަލްޓީޕާޓީ ވެރިކަމުގެ ނިޒާމަކީ މިއަދު މުޅި ދުނިޔެ ތަޖުރިބާ ކޮށްފައިވާ ކާމިޔާބު ނިޒާމެއް ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުވެސް މިއަދު ބައްޓަން ކޮށްފައި މި އޮތީ އެ ނިޒާމަށް ކަމަށް ވާތީ، ޕާޓީ ތަކަށް ނުވަދެ ތިބި ހުރިހާ ރައްޔިތުން ވެސް ނުކުމެ ކޮންމެވެސް އެއް ސިޔާސީ ފިކުރަކާ ގުޅުމަށް މައުރޫފު ވިދާޅުވި އެވެ. އަދި އެ ފިކުރަކީ އެމްޑީއޭ ކަމަށް ހެދުމަށް ވެސް މައުރޫފު ވިދާޅުވި އެވެ.

މައުރޫފު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތީ ސިޔާސީ މޫސުން ކަމުން ރައްޔިތުން ފިސާރި ވިސްނައި މާޒީން ލިބުނު އެއްޗަކަށް ބަލައި އަދުލުވެރި ނިންމުމެއް ނިންމުން މުހިންމު ކަމަށެވެ. އެ ގޮތުން މާޒީގައި ރައްޔިތުންނަށް ހާސިލުވި މިންވަރަކީ ކޮބައިތޯ ބަލައި ވިސްނުމަކީ މުހިންމު ކަމެއް ކަމަށާއި ހަމައެކަނި ވޯޓުގެ ވަގުތު ޖެހުމުން އަންނަ މީހާއަށް ވޯޓު ނުދިނުމަށް ވެސް މައުރޫފު ވިދާޅުވި އެވެ.