10 Feb 2013, 04:20
ރާއްޖޭގައި ސިއްހީ ޚިދުމަތަށް ކުރާން ޖެހޭ ހޭދަ ބޮޑުވެގެން ދިޔައީ ރައްޔިތުން ދިރިއުޅޭނެ ދުޅަހެޔޮ ވެއްޓެއް ގާއިމްކޮށް ނުދެވުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ހިންގާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ރޭ ނ. ކެނދިކުޅުދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވީ ސިއްހީ ނިޒާމު ފެއިލްވެ، ސިއްހީ ޚިދުމަތަށް ކުރާން ޖެހޭ ހޭދަ އެތައް މިލިއަނަކަށް އަރައިގެން މި ދިޔައީ ވެރިން ރައްޔިތުންގެ ސިއްހަތާ މެދު އެކަށީގެންވާ ގޮތެއްގައި ފަރުވާތެރި ނުވުމުން ކަމަށާއި ރައްޔިތުން ދިރިއުޅޭ ވެށި ތަޣައްޔަރު ވުމަށް ދޫކޮށްލެވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މީގެ އެތައް އަހަރުތަކެއް ކުރިޔަށް ވުރެ ވެސް ބައެއް ރަށްރަށުގެ މާހައުލު މިއަދު ސިއްހީ ގޮތުން ދަށު ދަރަޖަ އަކަށް ވެއްޓިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުޑަ އިރު މި ރަށްރަށުގައި ދިރިއުޅުނު ދުވަސްވަރަށް ވުރެ މިއަދު މި މާހައުލުގެ ހާލަތު މި އޮތީ ދަށަށް ގޮސްފައި. ފެނުގެ ހާލަތު އެހާ ގޯސް. ފެންވަރަން ވަންނަ އިރަށް ވުރެ ފެންވަރައިގެން ނުކުންނަ އިރު ގައިން ދުވާ ވަސް ނުބައި،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރަށްރަށުގެ ފެން ފަށަލަ މިހާ ބޮޑަށް ތަޣައްޔަރު ވެގެން ދިޔަ އިރު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރު ތަކުން ކުރެވިފައި ނެތް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ތަފާތު އެކި ކަހަލަ ބަލިމަޑުކަން ފެތުރޭކަން ފާހަގަ ކުރައްވައި ވިދާޅުވީ ރާއްޖޭގައި ހަމުގެ ބަލިތައް މިހާ ބޮޑަށް އިތުރުވެގެން މި ދިޔައީ ވެސް ފެން ތަޣައްޔަރުވުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެ އަށް ފައިސާ ލިބޭ ކަމަށާއި ރައްޔިތުން އަތުން ގިނަ އަދަދެއްގެ ޓެކްސް ވެސް ނަގާކަން ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ، ރައްޔިތުންގެ އަތުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް ޓަކައި ނެގޭ ޓެކްސްގެ ފައިސާ އާއި ގައުމަށް ވަންނަ ފައިސާގެ އަދަދަށް ބަލާ އިރު އަސާސީ ޚިދުމަތްތައް ފުއްދައިދިނުމަށް އެ ފައިސާއިން ހޭދަ ނުކުރެވޭ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ ސަރުކާރެއްގައި ވެސް މި ފެންނަނީ ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާތަން ކަމަށާއި ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ނުދެވޭ ނަމަ ވެރިން އެ ވަނީ ފެއިލް ވެފައި ކަމަށެވެ. އެ ޚިދުމަތްތައް އެންމެ ކުޑަމިނުން ގާނޫނު އަސާސީގައި އަދި ގާނޫނު ތަކުގައި ބުނާ މިންވަރަށް ފޯރުކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށެވެ.
ރޭ ނ. ކެނދިކުޅުދޫގައި އެމްޑީއޭ އިން ބޭއްވި ޖަލްސާ އަކީ އެ ޕާޓީން މިހާތަނަށް ބޭއްވި އެންމެ ކުލަ ގަދަ އެއް ޖަލްސާ އެވެ. އެ ރަށު ބަނދަރު ސަރަހައްދުގައި އޮތް މި ޖަލްސާގައި 1000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ މި ޖަލްސާގައި އެމްޑީއޭ އާއި އަލަށް ގުޅިފަ އެވެ. ރޭގެ ޖަލްސާގައި އެމްޑީއޭ އާއި އަލަށް ގުޅުމަށް ނ. އަތޮޅުގެ ގިނަ ރަށްރަށުުން ވެސް ކެނދިކުޅުދޫ އަށް ގޮސްފައިވެ އެވެ.
ކެނދިކުޅުދޫގެ ދެ އަވަށުގައި އެމްޑީއޭގެ ދެ އޮފީސް ވެސް ރޭ ވަނީ ހުޅުވައިފަ އެވެ. މި ދެ އޮފީސް ހުޅުވައިދެއްވީ އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ނައިބު ލީޑަރު އަހުމަދު އާމިރު އެވެ.