ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް އެ ޕާޓީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިލްހާމް ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ އުޅުއްވާ ކަމުގެ މައުލޫމާތު ލިބިގެން އަތޮޅުތަކުގައި ތިބި ޕީޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން ފޯނުކޮށް އެކަމަށް އެދެމުންދާ ކަމަށާއި ނަމަވެސް އަދި އެކަމާ މެދު ވަކިގޮތެއް ނުނިންމާ ކަމަށެވެ.

"އަތޮޅުތަކުގައި ތިބި ޕީޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން އަޅުގަނޑަށް ފޯނުން ގުޅައި އަޅުގަނޑު ކައިރީ އެބަ އެދޭ ކުރިއަށް އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް. އެކަމަކު އަޅުގަނޑު އެކަމަށް އަދި ވަކިގޮތެއް ނުނިންމަން. ޕްރައިމަރީގައި ވާދަކުރުމާ މެދު އަޅުގަނޑު މިދަނީ ވަރަށް ފުންކޮށް ވިސްނަމުން،" އިލްހާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސްކަން ވެސް މިހާރު ކުރައްވަމުން ގެންދަވާ އިލްހާމް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅެމުންދާ އިރު މިހާތަނަށް އެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށް ކެންޕޭން ފަށާފައި ވަނީ ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އުމަރު ނަސީރާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޕްރައިމަރީއަށް ފަހު ޕީޕީއެމް ބައިބައި ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާ އިރު އެ ޕާޓީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށެވެ.