09 Feb 2013, 21:25
ޕާމް ބީޗު ރިސޯޓުގައި ސްޓޯރޯމްގައި މިރޭ ވެސް އަލިފާންގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ހަބަރު ލިބޭތީ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިރޭ ސަން އަށް ވިދާޅުވީ، އެ ރިސޯޓުގެ ސްޓޯރޫމްގައި މިރޭ ހިނގި އަލިފާން ހުޅުފަޅައިގެން ނުދަނީސް އެމްއެންޑީއެފްގެ ފަޔާފައިޓަރުންނާއި އެ ރިސޯޓުގެ މުވައްޒަފުން އެޓެންޑްކުރި ކަމަށާއި ނަމަވެސް އަދި މުޅިން ނިއްވާ ނުލެވޭ ކަމަށެވެ. އެ ރަަށަށް ދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، ޅ. މަޑިވަރުގައި ތިއްބަވާ ސިފައިންނެވެ.
ރޭ ވެސް ވަނީ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. ރޭ އެ ރިސޯޓުގެ ސްޓޯރު ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ސިފައިންނާއި އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ދެ ގަޑިއެއްހާ އިރު މަސައްކަތްކޮށްގެންނެވެ.
ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމަކާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަޔާމަނުން ވަނީ ރޭ 18:55 އެހާކަންހާއިރު އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައި ކަމަށް އެ ދެ މުއައްސަސާ އިން ބުންޏެވެ. އޭރު ގުދަނުގައި ހުރީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އަދި ޕާމް ބީޗް ރިސޯޓުގެ ގުދަނުގައި ރޯވެފައިވާ އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނީ ރޭ 21:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެއްްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.