ރ. ހުޅުދުއްފާރުން ކެނޯއެއްގައި ނުކުމެ އުޅުނު ކުޑަ ތިން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ ކަނޑުމައްޗަށް ނުކުމެ އުކެނިކޮށް ތިން ކުދިންނާ އެކު ކެނޯ ގެއްލިފައި ވަނީ މިއަދު 11:30 އެހާކަންހާ އިރު ކަމަށާއި  އެ ކުދިން ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.


ހުޅުދުއްފާރު ކުޑަ ކަތީބު މުހައްމަދު ޒާހިރު ވިދާޅުވީ އުމުރުން 14 އަހަރުން ދަށުގެ ތިން ފިރިހެން ކުދިން ކެނޯގައި ފަލިޖަހާފައި ހެނދުނު ނުކުތީ ކައިރީގައި އޮންނަ ގާ އުނޑޫދޫއަށް ދާން ކަމަށާއި އެ ކުދިން ގެއްލިގެން އެކުދިންގެ މައިން ބައިފައިން އެންގީ ހެދުނު ނުވައެއްވެސް ޖެހިފަހުން ކަމަށެވެ.


"ހެނދުނު އަށެއްގެ ކުރިން އެ ކުދިން ނުކުތް ކަމަށް ވަނީ. ލަފާ ކުރެވެނީ ނުކުމެގެން އުޅެނިކޮށް އޮޔާ ދަމައިގަތީ ކަމަށް. އެ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ޒާހިރު ވިދާޅުވި  އެވެ.


އެމްއެންޑީއެފްން ބުނީ ހުޅުދުއްފާރުން ގެއްލިގެން ހޯދަނީ 14 އަހަރުގެ ދެކުދިންނާއި 10 އަހަރުގެ ކުއްޖެއް ކަމަށާއި އެއީ ހުޅުދުއްފާރު ފަސާނާ، އަހުމަދު ޖުނައިދު،14 އާއި އެގޭ އިބްރާހިމް ސާދިމް10  އާއި ވައިޓް ރޯސް، އަޝްރަފު،14  ކަމަށެވެ.