09 Feb 2013, 21:15
ވޮޝިންޓަން (ފެބްރުއަރީ 9): އެމެރިކާގެ އިރުއުތުރަށް ސްނޯގެ އާދަޔާ ޚިލާފު ތޫފާނެއް އަރާފައިވާއިރު މިކަމުގެ ސަބަބުން އެސަރަހައްދުގެ ފަސް ސްޓޭޓެއްގައި ކުއްލި ޙާލަތު އިޢްލާންކޮށްފި އެވެ.
ކުއްލި ޙާލަތު އިއްލާންކުރި ސްޓޭޓްތަކަކީ މަސަޗޫސެޓްސް، ވުޑް އައިލެންޑް، ނިޔުޔޯކް އަދި ކޮނިޓިކެޓް އެވެ.
މިސްޓޭޓްތަކުގައި ވަނީ ސްނޯގެ ތޫފާން ބޮޑުވެގެންވާ ކާރިސާއަކަށް ބަދަލުވެ ވައިގެ ދަތުރުފަތުރުތަކާއި އެއްގަމުދަތުރުފަތުރުގެ ބޮޑުބައެއް ހުއްޓުމަކަށް އައިސްފަ އެވެ. އާންމުންނަށް މަގުމަތީގައި ޙަރަކާތްތެރި ނުވެވޭވަރަށް ބާރުވަޔާ އެކު ސްނޯދަނީ ފައިބަމުންނެވެ. މި ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ބުނެފައި ވަނީ ފައިބަމުންދާ ސްނޯގެ ބޯމިން ހަ ފޫޓަށް ބޯވެ މީހުންނަށް މަގުތަކުގައި ހަރަކާތްތެރިވެއުޅެން ދަތިވެފައިވާ ކަމަށާއި އާންމު ޙަރަކާތްތައް ވެސް ވަރަށްބޮޑަށް ހުއްޓުމަކަށް އައިސްފައިވާ ކަމުގަ އެވެ. ލޯކަލް ސަރުކާރުތަކުން ގެންދަނީ މަގުތަކުން ސްނޯ ކެހުމުގެ ޙަރަކާތްތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އެއްގަމު ވެހިކަލްތައް ދުއްވުން ވެސް މިހަތަރު ސްޓޭޓްގައި ވަގުތީގޮތުން މަނާކުރުމަށް ފަހު މިހާރު ވަނީ ހުއްދަދީފަ އެވެ.
އިއްޔެ އެމެރިކާގެ އިރުއުތުރުގެ ސްޓޭޓްތަކަށް އައި ބާރުގަދަ ސްނޯގެ ތޫފާން އަދިވެސް މުޅިން މައިތިރި ވެފައިނުވާ އިރު މަސަޗޫސެޓްސް، ވުޑް އައިލެންޑް، ނިޔުޔޯކް އަދި ކޮނިޓިކެޓްގެ އިތުރުން އެހެން ބައެއް ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ވެސް ވަނީ ސަރުކާރު މުވައްޒަފުން އިއްޔެ ގޭގައި ތިބުމަށް އަންގާފަ އެވެ. އަދި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ވެސް ވަނީ މިގޮތަށް ޢަމަލުކުރުމަށް އަންގާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ އިރުއުތުރުގެ ހަ ސްޓޭޓެއްގެ ބޮޑުބަޔަކުން ވަނީ ކަރަންޓާއި މުވާސަލާތީ ޚިދްމަތްތައް ވެސް ކަނޑައިގެން ގޮސްފަ އެވެ.
ސްނޯގެ މިތޫފާން ކާރިސާއަކަށް ބަދަލުވީ ވައިގަދަވުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެ އެވެ. ސްނޯއާއެކު ގަޑިއަކު 100 ކިލޯމީޓަރާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އެމެރިކާގެ އިރުއުތުރުގެ ސްޓޭޓްތަކަށް ވައިޖެހެމުންދާއިރު ގަސްތައް ވެއްޓި ބައެއް ގެތަކުގެ ފުރާޅުތައްވަނީ އެއްލާލާފަ އެވެ. ސްނޯގެ މިތޫފާން އާ ގުޅިގެން ނިޔުޔޯކުން އެކަނިވެސް 23 ހާސް ވައިގެ ދަތުރުވަނީ ކެންސަލްކޮށްފަ އެވެ. (ނޫސްއެޖެންސީތައް)