09 Feb 2013, 15:53
އިންޑިޔާގެ ޕާލަމެންޓަށް 2001 ވަނަ އަހަރު ދެވުނު ބަޑީގެ ހަމަލާ ރޭވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަފްޒަލް ގުރޫ އިންޑިޔާގެ ޖަލެއްގައި ދަންޖައިސައިގެން މަރުގެ ހުކުމް ތަންފީޒު ކޮށްފި އެވެ.
ނުވަ މީހުން މަރާލި އެ ހާދިސާ އާއި އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށް އަފްޒަލް ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނެފަ އެވެ.
އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، އިންޑިޔާގެ ކަޝްމީރުގައި މޭވާ ވިއްކާ މީހެއްގެ ގޮތުގައި އުޅުނު އަފްޒަލް ދަން ޖައްސައި މަރާލާފައިވަނީ ދިއްލީގެ ރަށްބޭރުގައި ހުންނަ ތިހާރު ޖަލުގައި ކަމަށެވެ. އަދި މުހައްމަދު އަފްޒަލް ވަނީ އޭނާ މަރާލުމުގެ ކުރިން އޭނާ ދަންޖެއްސުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކޮށްފައި ކަމަށާއި އެހެން ނަމަވެސް އިންޑިޔާގެ ސްޕްރީމް ކޯޓުންނާއި އަދި އެގައުމުގެ ރައީސް ވެސް ވަނީ އޭނާގެ ހުކުމް ލުއިކޮށްދިނުމަށް ދެކޮޅު ހައްދަވައިފައި ކަމަށެވެ.
އަފްޒަލް ގުރޫ ދަންޖެއްސި ހަބަރު ފެތުރުމުން ހިނގާފާނޭ ކުރިމަތުލުން ތަކަކާއި އުފެދިދާނޭ ނުތަނަވަސްކަމަކަށް ތައްޔާރު ވުމުގެ ގޮތުން ކަޝްމީރު ބޯޑަރު ސަރަހައްދުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން ވަނީ ކާފިއު ހިންގާފަ އެވެ.
ނިއުދިއްލީގައި ހުންނަ އިންޑިއާގެ ޕާލަމެންޓަށް 13 ޑިސެންބަރު 2001 ވަނަ އަހަރު ވަދެގަނެ ހަނގުރާމަވެރިންގެ ފަސްމީހަކު ދިން ބަޑީގެ ހަމަލާގައި އެތަނުގައި ފާރައަށް ތިބި އަށް ފުލުހަކާއި ބަގީޗާ ބަލަހައްޓާ މީހަކު ވަނީ މަރާލާފަ އެވެ. އަދި އެވަގުތު އެތަނުގައި ތިބި ސަލާމަތީ ބާރުތަކުން ރައްދުގައި ހަމަލާދީ އެ ފަސްމީހުން ވެސް ވަނީ ވަގުތުން މަރާލައިފަ އެވެ.
އަފްޒަލް ގުރޫ އަކީ ދިއްލީ ޕާލަމެންޓަށް ދެވުނު ހަމަލާ ރޭވުމުގައި އެހީތެރިވީ ކަމަށް ބުނެ މަރުގެ ހުކުމް އިއްވި ދެ މީހުންގެ ތެރެއިން އެކެކެވެ. އޭގެތެރޭގައި ހިމެނޭ ޝައުކަތު ޙުސައިންގެ މައްޗަށް އިއްވާފައިވާ ހުކުމް ފަހުންވަނީ 10 އަހަރުދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފަ އެވެ.
އަދި އެހަމަލާއާ ގުޅިގެން އެކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އެސްއޭއާރު ގީލާނީ އާއި އަފްސަން ގުރޫގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާކަމަށްބުނެ ވަނީ ދޫކޮށްލާފަ އެވެ.