09 Feb 2013, 15:32
ޅ. ނައިފަރު އުޑުވިލާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މަރުވި އުމުރުން ހަތް އަހަރުގެ ޝުޢައިބު އެ ރަށަށް ގެންދިޔައީ އޭނާގެ ބައްޕަ އަލީ އަހުމަދު (އަސްލު ނަމެއް ނޫން) އެވެ. ދަރިފުޅުގެ އުމުރުން ފަސް މަހުގައި އެ ރަށަށް ގެންދިޔައީ އެ ދަރިފުޅުގެ މަންމަ އޭނާއާ ދަރިފުޅު ހަވާލުކުރުމުންނެވެ. އޭރު އެކައިވެނި ވަނީ ރޫޅިފަ އެވެ. ދަރިފުޅު ރަށަށް ގެންދިޔަތާ މާގިނަ އަހަރުތަކެއް ނުވެ ދަރިފުޅުގެ މަންމަ ގާތިލެއްގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށް ދާންޖެހުނެވެ. ނަމަވެސް ދަރިފުޅުގެ ނިމުން އެހާ ހިތާމަވެރި ގޮތަކަށް އަތުވެދާނެ ކަމަކަށް އޭރު އޭނާގެ ހިތަކަށް ވެސް ނާރަ އެވެ.
އެ ހިތާމަވެރި ހާދިސާގެ ވާހަކަ "ސަންއޮންލައިނަށް" ކިޔައިދެމުން އަލީ އަހުމަދު ބުނި ގޮތުގައި ޝުޢައިބަކީ 2010 ވަނަ އަހަރުގެ މެދުތެރޭގައި މާލޭގައި ހަދަމުން ގެންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ބަސްތާތަކެއްގެ ދަށުގައި މަރާލާފައި އޮއްވައި ފެނުނު ލ. ގަމު ތުނޑީ، މަރިޔަމް ޝީރީން 30،އާ އޭނާ ދެ އަންބަށް އިނދެގެން އުޅުނު ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅެވެ. އެ ކައިވެންޏަށް ލިބުނު، 10 އަހަރުގެ ފިރިހެން ދަރިއަކު އެބަ ހުއްޓެެވެ. އެ ކުއްޖާ އުޅެމުން ދަނީ ޝީރީންގެ އާއިލާ ކައިރީގައި އޭނާގެ ރަށުގަ އެވެ. އަލީ އަހުމަދުގެ ފުރަތަމަ ކައިވެންޏަށް ވެސް ދެ ފިރިހެން ކުދިން ތިބެ އެވެ.
"ޝީރީން މަރުވި ހާދިސާގެ ވާހަކަ ވެސް ރަށުގެ މީހުން ކިޔާ އަޑު ދަރިފުޅަށް އިވޭނެ، އެދުވަސްވަރު ރަށު މީހުން އެ ވާހަކަ ދައްކާތީ ރޮއި ހަދާ ކަމަށް ރައްޓެހިން ބުނޭ. އަހަރެންގެ ކައިރީގައި ނުދައްކާ އެ ވާހަކަ، ނަމަވެސް ފަހުން އެއްގޮތަކަށް ވެސް އެކަމާ އޭނާ އަޅައެއް ނުލާ. ދަރިފުޅު މަންމަ ކިޔަނީ އަޅުގަނޑުގެ އެއް ބަނޑު އެއްބަފާ ކޮއްކޮއަށް. އޭނާ އަށް ފަސް މަހުގައި ރަށަށް ގެނައީ އެހެންވެ ކަން ނޭނގެ، އޭރުން ފެށިގެން ކޮއްކޮއެއް އޭނާ ބަލަނީ. ވަރަށް މަޑުމައިތިރި ބަސް އަހާ ކުއްޖެއް އެއީ. ރޭ ވެސް އަށެއް ޖަހާކަންހާއިރު ކައިގެން ގޭގެ މަތީ ބުރީ ސިޓިން ރޫމްގައި އޮތް ގޮދަޑިއެއްގައި ނިދައިފައި އޮއްވާ އެކަމެއް ހިނގީ. ބެލެވޭ ގޮތުގައި އެކަމެއް ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން،" އަހުމަދު އަލީ ބުންޏެވެ.
އަލިފާނުގެ ހާދިސާގެ ޚަބަރު އަލީ އަހުމަދަށް އިވުނީ އޭނާގެ ބައްޕަގެ ދޯނީގައި އާއިލާގެ އިތުރު ބަޔަކާ ވެސް އެކު މަހަށް ގޮސް ހުއްޓާ ކަމަށާއި އެ ހާދިސާ ހިނގުމުގެ 30 ވަރަކަށް މިނެޓް ކުރިން އޭނާގެ ބައްޕަ އޭނާ އަށް ގުޅައި މަސްވެރިކަމާ ބެހޭ މައުލޫމާތު ސާފުކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އަލިފާނުގެ ހާދިސާގެ ހަބަރު އޭނާ އަށް ދިނީ ރޭ ކުމުންދޫގައި ހުރި އޭނާ މިހާރު އަންހެނުން ކަމަށާއި އެ ވަގުތު އަނެއްކާ ބައްޕައަށާއި އާއިލާއަށް ގުޅުމުން އެކަން ކަށަވަރުވެގެން ދިޔަ ކަމަށް ވެސް އަލީ އަހުމަދު ބުންޏެވެ.
"ވަރަށް ދެެރަވި އެ ޚަބަރު އިވިފައި، ބައްޕައަށް ވާހަކަ ވެސް ނުދެއްކުުނު ބުނީ ގޯތީގައި ރޯވެގެންނޭ މިއުޅެނީ، ދެން ކޮއްކޮއަކާ ވެސް ވާހަކަ ދެއްކިން އޭނާ ވެސް ބުނި ރޯވެގެން އުޅޭ ވާހަކަ. ދަރިފުޅު ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނީ ކޮއްކޮ. ބުނި އޮތީ މަރުވެފައޭ ވެސް. ވަރަށް ދެރަވި އެ ވަގުތު، ވާހަކަ ވެސް ނުދެއްކުނު، ވަގުތުން ދޯނި ރަށަށް ދިއުމަށް އަނބުރާލީ، ރަށަށް ދެވުނު އިރު ދަރިފުޅު އޮތީ ހޮސްޕިޓަލުގައި، އޭރު އޮތީ މަރުވެފައި،" އޭނާގެ ދަރިފުޅުގެ ނިޔާވި ޚަބަރު އިވުނު ގޮތް ކިޔާދެމުން އަލީ އަހުމަދު ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތަކީ އެ އަތޮޅު ޕާމް ބީޗް ރިސޯޓުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅުނު ވަގުތެއް ކަމުގައިވާތީ ނައިފަރަށް އެމްއެންޑީއެފްގެ ފަޔާރުންނަށް ދެވުނީ ހާދިސާ ހިނގިތާ ގަޑިއެއްގެ އިރުފަހުންނެވެ.
އެ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ރަށުގައި މަސައްކަތް ކުރާ ކުރިން ސިވިލް ސާވިސްގައި މަސަައްކަތް ކުރި ފަޔާ މަނުންނާއި ރެޑްކްރެސެންޓްގައި އުޅޭ ބައެއްގެ އެހީތެރިކަމާ އެކު އެ ރަށު ކައުންސިލުން ގެންދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
"ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ބާލިދީތަކާ އެއްޗެހި ބޭނުންކޮށްގެން ފެންޖަހަމުން ގެންދިޔައީ،" އެރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ އެވަގުތު އެ ސަރަހައްދުގައި ތިބި އެމްއެންޑީއެފްގެ ފަޔާ ޓީމު އޮތީ ޕާމް ބީޗުގައި ކަމުގައިވާތީ އެ ރިސޯޓްގައި ހިނގި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ފަހު ނައިފަރަށް ދިއުމުގައި ލަސްތަކެއްވި ކަމަށާއި އެމްއެންޑީއެފުން އެ ރަށަށް ދިޔައިރު ވެސް އެ ގޭގައި ރޯވި އަލިފާންގަނޑު ގަދައަށް ހުޅުފަޅާފައިވާ ކަމަށެވެ. އޭރު އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ވެގެން ވެސް އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ހާދިސާގައި މަރުވި ކުއްޖާ (ޝުޢައިބު) ފެނުނީ އެގޭގައި ހިފި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގޭގެތެރެއަށް އެމްއެންޑީއެފްގެ ފަޔާ ޓީމުން ވަދެގެން ހޯދަމުން ދަނިކޮށް. ބޯ ދުންތަކުގެ ތެރެއިން އެކުއްޖާ އޮތީ، އޭރު ވެސް ގޭގައި ހިފި އަލިފާންގަނޑު ކޮންޓްރޯލެއް ނުވޭ،" އެހާދިސާގައި އެމްއެންޑީއެފުން ހަރަކާތްތެރިވި ގޮތް ކިޔައި ދެއްވަމުން އަބްދުﷲ އަލީ ވިދާޅުވި އެވެ.
އަލިފާނުގެ އެ ހާދިސާ ފުރަތަމަ ހިނގީ، ތިން ކޮޓަރިއާއި ސިޓިންގް ރޫމެއް ހުރި އެގޭގެ މަތީ ބުރީގެ ކޮޓަރިއެއްގައި އޭގޭ މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެ މީހުންގެ ދެ އަހަރުން ދަށުގެ ދެ ކުދިން ވެސް ނިދާފައި ތިއްބެވެ. ނަމަވެސް އެމީހުން ސަލާމަތްވީ އަންހެން މީހާ ކުޑަ ދޮރުން ހަޅޭލަވާ އަޑަށް އެސަރަހައްދަށް އެއްވި މީހުންގެ އެހީތެރިކަމާ އެކު ކަމަށާއި އެ މީހުން ގޭތެރެއިން ބޭރަށް ނެރެން ޖެހުނީ ކުޑަދޮރަކުން ލާފައި ކަމަށް ވެސް އަލީ މުހައްމަދު ބުންޏެވެ. އެ ހާދިސާގައި އެގެ އެއްކޮށް ވަނީ އަނދައިގެން ގޮސްފަ އެވެ.
ނައިފަރު ސްކޫލްގެ ގްރޭޑް 2ގައި ކިޔަވަމުން ގެންދިޔަ އެ ދަރިފުޅު އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ގޭތެރޭގައި އުޅެނިކޮށް ކަމަށާއި އެވަގުތު ދަރިފުޅު ކައިރީގައި ބަސްއަހައިގެން އުޅެއްޗޭ ބުނެފައި އާއްމު އުސޫލުން މަހަށް ދާން ފުރައިގެން ދިޔަ އަހުމަދުގެ ހަޔާތަށް އައި އެންމެ ހިތާމަވެރި އެންމެ އަނދިރި ދުވަހަށް ރޭގެ އެ ހާދިސާ ވަނީ ވެގެން ގޮސްފަ އެވެ.