09 Feb 2013, 15:16
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ އީމެއިލްތަކެއް ހެކްކޮށްގެން ހޯދާފައިވާ މައުލޫމާތުތަކަކާއި ފޮޓޯތަކެއް "ދަ ސްމޯކިން ގަން" ކިޔާ ވެބްސައިޓެއްގައި ހުކުރުދުވަހު ޝާއިއުކޮށްފި އެވެ.
ބުޝްގެ އެފަދަ އަމިއްލަ ޒާތީ މައްސަލަތަކެއް އެކުލެވޭ މައުލޫމާތުތަކެއް ވެބްސައިޓެއްގައި މިހާ ހާމަކަން ބޮޑު ގޮތެއްގައި ފާޅުކުރުމުން މިޒަމާނުގެ ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުތަކާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.
އެގޮތުން ވޮޝިންގްޓަން ޓައިމްސްގައި ބުނެފައިވަނީ "ޖާނަލިޒަމްގެ ކުރީގެ ގަވާއިދު ތަކަށް ބަލާނަމަ" އޭރު ރައީސް ބުޝްގެ ނުވަތަ އާއިލާގެ އެފަދަ ޒާތީ ކަމެއް އެހާ ފާޅުކަން ބޮޑުކޮށް ލިޔާނަމަ އެފަރާތުގެ ހުއްދައެއް ހޯދާނޭ ކަމަށާއި އަދި ނޫހެއްގައި އެފަދަ ވާހަކައެއް ލިޔާނަމަ އެ ނޫހަކުން އެކަމާއި ދޭތެރޭ އެއްފަހަރަށްވުރެ ގިނަފަހަރު ވިސްނާނޭ ކަމަށާއި އެކަމަކު މިހާރު އެދުވަސް މިވަނީ ފާއިތުވެފައި ކަމަށެވެ.
ދަ ސްމޯކިން ގަން އަކީ މީގެ ކުރިން ފެންމަތިވެފައި ނުވާ ބޮޑެތި ޖަރީމާތަކާއި ގާނޫނީ މަސްލަހަތު ހިމެނޭ މައްސަލަތައް ހާމަކުރުމަށް ހާއްސަކުރެވިފައިވާ ވެބްސައިޓެކެވެ. އެ ވެބްސައިޓް ވުޖޫދުވެފައި ވަނީ އޮނަވިހި ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ގައެވެ.
އެ ވެބްސައިޓްގައި ބުނެފައިވަނީ، ޖޯޖްބުޝްއާއި އާއިލާގެ ވަހަކަތައް ހިމެނޭ އީމެއިލްތައް އެމީހުންނަށް ލިބިފައިވަނީ، "ގޫސިފާ"ގެ ކިޔާ ހެކަރެއްގެ ފަރާތުންނެވެ. އަދި އެ ވާހަކަތައް މިހާރުވަނީ ޓްވީޓާއާއި އެހެނިހެން ސޯޝަލް ނެޓްވޯކްތަކުގައިވެސް ހަލުއިކަމާއެކު ދައުރުވާން ފަށާފަ އެވެ.
ދަ ސްމޯކިން ގަން ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން ހެކްކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ތައްޔާރުކޮށްފައިވާ ކޮންފިޑެންޝަލް ހޯމްއެޑްރެސް ލިސްޓަކާއި، ފޯން ނަމްބަރު، އަދި ބުޝްގެ އާއިލާގެ ގިނަ ބޭފުޅުންތަކެއްގެ އީމެއިލް ތަކާއި އަދި ކުރީގެ ރައީސުން ބަދަލުކުރައްވާފައި ވާ އީމެއިލްތައް ވެސް ހިމެނޭ ކަމަށް ވެއެވެ.
އަދި މުސްކުޅިފުޅު ބުޝް އޭނާގެ ރަހްމަތްތެރި އެއްކަމަށްވާ ސީބީއެސްގެ ސްޕޯޓްސް ކާސްޓަރު ޖިމް ނެންޒްއާއި އެކު ގޮލްފް ކުޅުންއްވަން ޑަލަސްގައި ހުންނަ ބުޝްގެ އާއިލާއަށް ނިސްބަތްވާ ގޮލްފް ކޯޒްގެ މައިގޭޓު ހުޅުވުމަށް ޖަހަންޖެހޭ ހަތަރު ޑިޖިޓްގެ ކޯޑަކާއި ބުޝްގެ އިލެކްޝަން ދުވަސްވަރު ބައެއް ނޫސްމަޖައްލާތަކާއި ހިއްސާކޮށްފައިވާ ނިވާކަން ބޮޑު މައުލޫމާތުތައް ވެސް ވަނީ ހާމަކޮށްފަ އެވެ.
ހެކްކޮށްފައިވާ މައުލޫމާތު ކަމަށްބުނެ އެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބުޝްގެ އާއިލާގެ ބައެއް ފޮޓޯތަކުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ޖޯޖް ޑަބްލިޔު ބުޝް ހޮސްޕިޓަލްގެ އެނދުމަތި ކުރެވިފައި އޮންނެވި މަންޒަރަކާއި، ބުޝް އޭނާގެ އަންހެން ކޮއްކޮ ޑޮރޮތީ ބުޝްއަށް ފޮނުވާފައިވާ އޭނާގެ އަމިއްލަ ދެ ކުރެހުމަކާއި އަދި ވެސް އާއިލާގެ ބައެއް މެންބަރުންނާއި އޭނާ ހިއްސާކުރައްވާފައިވާ ބައެއް މައުލޫމާތުތައް ހިމެނެ އެވެ.
އެފްބީއައިގެ ޖާސޫސީ ފަރާތްތަކުން މިހާރުވެސް އޭނާއަށް ފާރަލަމުން ގެންދާނެ ނޫންތޯ ދަ ސްމޯކިން ގަންއިން މައުލޫމާތު ހެކްކުރި ފަރާތާއި ސުވާލުކުރުމުން އޭނާ ޖަވާބުގައި ބުނެފައިވަނީ "އަހަރެންނަށް އެމީހުން މީގެ ކުރިންވެސް ފަރަލަމުން ދާކަމަށާއި އަދި މީގެ ކުރިންވެސް އަހަރެންވާނީ މީގެ ކުޅިގަނޑެއް ކުޅެފައި. މިއީ އަނެއްކާވެސް އޭގެ އާފެށުމެއް" ކަމަށެވެ.