ގއ. ދެއްވަދޫ ތިން ރަށު ކައުންސިލް މެންބަރު މިއަދު ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ މިއަދު އެ ޕާޓީން ބޭއްވި ރަސްމިޔާތެއްގައި ދެއްވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޒާހިރުއާއި ނައިބު ރައީސް އަހްމަދު ޝަފީގު އަދި ކައުންސިލް މެންބަރު އަހްމަދު ފަޒްހާދު އެ ޕާޓީ އަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

ސަން އޮންލައިނަށް މައުލޫމާތުދެއްވަމުން ދެއްވަދޫ ކައުންސިލް ރައީސް ޒާހިރު ވިދާޅުވީ އޭނާ ޕީޕީއެމް އަށް ސޮއި ކުރެއްވީ ރާއްޖޭގެ ތަރައްގީ އަށް މަސައްކަތްކޮށްދޭނެ "ހަމަ އެކަނި ޕާޓީ އަކީ ޕީޕީއެމް" ކަމަށް އޭނާ ގަބޫލު ކުރައްވާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރާއްޖެ އަށް ތަރައްގީ ގެނެސްދެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިގުތިސާދީ ރަނގަޅު ބޭފުޅަކު އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަމަށް ގެންނަން ބޭނުންވާތީ ޕީޕީއެމްއާ ގުޅުނީ،" ޒާހިރު ވިދާޅުވި އެވެ.

ގއ. އަތޮޅަށް ޕީޕީއެމް ކުރަމުންދާ ދަތުރުގައި ގއ. މާންމެންދޫ ހަތަރު ކައުންސިލަރުން ވަނީ ސޮއިކޮށްފަ އެވެ.

ޑީއާރުޕީ ޓިކެޓްގައި ކައުންސިލް ގޮނޑި އަށް އިންތިހާބުވެވަޑައިގެން ތިން މެންބަރުން ޕީޕީއެމް އަށް ސޮއި ކުރެއްވުމާ އެކު މިހާރު އެ ކައުންސިލްގައި ތިއްބެވީ ޕީޕީއެމް ތިން ކައުންސިލަރުންނާއި އެމްޑީޕީ ދެ ކައުންސިލް މެންބަރުންނެވެ.