09 Feb 2013, 14:13
ގ. ވޭރު އަބްދުލް މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން ޝެޑިއުލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިޚް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ޝެޑިއުލްކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހަށް ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
އެތިން މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރާން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގައިފަ އެވެ. އޭގެފަހުން އެ މައްސަލައިގެ އަޑުއުމެއް ބާއްވާފައެއް ނުވެއެވެ.
އެ ތިން މީހުންގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުހީތުގެ އާއިލާއިން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އެ ތިން މީހުންގެ ތެރެއިން މުހުޖަތާއި މުޝައްފައުގެ މައްޗަށް ދައުވާކޮށްފައި ވަނީ ތޫނުއެއްޗަކުން ހަމަލާދީ މުހީތު މަރާލި ކަމަށް ތުހުމަތު ކޮށެވެ. އަދި މައިމޫންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުހީތު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.