09 Oct 2010, 09:35
ރައްތައް އިދާރީ ގޮތުން ގުޅާލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިއަދު ނަގާ ވޯޓްގައި ވޯޓްލާ މީހުންގެ މާބޮޑު ތަރުހީބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ އެގްޒެކްޓިވް ޑައިރެކްޓަރު އިސްމާއިލް ހަބީބު އަބްދުލްރަހީމް މިއަދު މެންދުރު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރ. އަތޮޅު އަނގޮޅި ތީމާއި އދ. ދިއްދޫ ރައްޔިތުން ވޯޓުލުމަށް ގިޔާސުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް، ވޯޓްލާނެ މީހަކު މެންދުރު 12 ޖެހިއިރު ވެސް ނާންނަ ކަމަށެވެ.
އަނގޮޅިތީމު ފޮއްޓަށް ވޯޓުލާން ޖެހޭ މީހުންގެ އަދަދަކީ 29 އެވެ. އަދި ދިއްދޫ ފޮއްޓަށް ވޯޓުލާން ޖެހޭ މީހުންގެ އަދަދަކީ 25 އެވެ.
އިލެކްޝަންސް އިން ބުނީ އެ ދެ ފޮށީގެ ވޯޓުލުން ފެށިފައި ނުވަނީ، އެއްވެސް މީހަކު އެ ފޮއްޓަށް ވޯޓުލާން އައިސްފައި ނުވުމުގެ ސަބަބުން ކަމަށާއި ވޯޓް ފޮއްޓެއްގެ ވޯޓުލުން ފެށޭނީ މަދުވެގެން ދެ މީހުން ވޯޓުލާން އައުމުން ކަމަށެވެ.
"ތަރުހީބު އެހާބޮޑެއް ނޫން. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އަރުވަން ބޭނުންވާ މެސެޖަކީ، މިއަދު ހަތަރެއްޖަހާ އިރު ވޯޓުލުން ނިންމާލާނަމޭ. މިހެންކަމުން މި ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އެ ބޭފުޅުންގެ ވޯޓުލުމުގެ ހައްޤު އަދާކޮށް ނިއްމާލަދެއްވާށޭ." ހަބީބު ވިދާޅުވި އެވެ.
ވޯޓް ފޮށި ބަންދުކުރާ ގަޑި ހަވީރު ހަތަރެއް ޖެހުމާ ކައިރިކޮށްފައި ބޭފުޅުން ވޯޓް ދެއްވުމަށް އެއްފަހަރާ ވަޑައިގެންފި ނަމަ ވޯޓުފޮށިތައް ދޮށުގައި ބާރުބޮޑުވެ، ވަގުތައް ވޯޓު ފޮށިތައް ބަންދު ކުރުމަށް ދަތިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދާރީ ގޮތުން އެއްކޮށްލުމަށް ފެނޭތޯ ބަލާ ރަށްރަށުގައި ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8 ޖެހީރު އެވެ. މާލޭގައި 10 ވޯޓު ފޮށި ބެހައްޓާފައިވެ އެވެ. އެ ދިހަ ވޯޓު ފޮށްޓަށް 1297 މީހުން ވޯޓުލުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް މި ވޯޓުގައި ބައިވެރި ވުމަށް 17،000 އެއްހާ މީހުން މާލޭން ރަޖިސްޓަރީ ކޮށްފައިވެ އެވެ. މަލޭގައި ވޯޓު ފޮށިތައް ބެހައްޓާފައި ވަނީ ހަތަރު ސްކޫލަކީ ތާޖުއްދީނާއި ގިޔާސުއްދީނާއި އިސްކަންދަރާއި ޖަމާލުއްދީނެވެ. އިދާރީ ގޮތުން ގުޅުވާލުމުގެ ފުރުސަތު ވަނީ 99 ރަށަކަށް ހުޅުވައިލާފަ އެވެ. އަދި ސިޓީކައުންސިލް އުފެއްދުގެ ފުރުސަތު ވަނީ 11 ރަށަކަށް ހުޅުވައިލައިފަ އެވެ. މި ވޯޓާ މެދު ސަރުކާރާއި އިދިކޮޅު ފަރާތްތަކާ މެދު ދެބަސްވުންތަކެއް އުފެދިފައިވެ އެވެ. މިގޮތުން މިމަހު 19 ވަނަ ދުވަހު، އެންމެ ބޮޑު އިދިކޮޅު ޕާޓީކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އިން ބުނެފައި ވަނީ، 99 ރަށުގެ ލިސްޓަށް ސަރުކާރާ އެކު އެއްބަސްވެފައި ނުވާނޭ ކަމަށެވެ. އިދާރީ ގޮތުން 46 ދާއިރާ ކަނޑައަޅައި، އެއްކޮށްލަން ނިންމި 99 ރަށް އިއުލާނުކޮށްފައި ވަނީ ވެސް އެދުވަހު އެވެ.