09 Feb 2013, 13:58
ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ފަރާތްތަކަށް ރަށްރަށާއި ބިންބިން ކުއްޔަށްދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އަލަށް ކަނޑައަޅާފައިވާ "ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދިނުމުގައި އަމަލުކުރެވޭ އުސޫލު"ގައި ބުނާ ގޮތުން ސަރުކާރާ ބައިވެރިވެގެން އުފައްދާ ޖޮއިންޓްވެންޗާ ކުންފުއްޏަކަށް އެ އުސޫލުގެ މަތީން ފަޅުރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދެވެ އެވެ.
ޖޮއިންޓްވެންޗާ ކުންފުއްޏަކަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޭ އިރު ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމަށް ހުށައަޅާ ކުންފުންޏަކީ އެ ކުންފުންޏެއްގެ މިލްކިއްޔާތުގައި މަދުވެގެން 300 މިލިއަން ޑޮލަރު ހުރި ފަރާތަކަށް ވުމާއި ސަރުކާރުން ކަނޑައަޅާ ލީސް އެކުޒިޝަން ކޮސްޓެއް އެއްފަހަރާ ދެއްކުމަށް އެއްބަސްވާ ފަރާތަކަށް ވުން ހިމެނެ އެވެ. އަދި އޭގެ އިތުރުން ސަރުކާރުން ކަނޑައަޅާ އެނުއަލް ލީސް އެކުއިޝަންކޮސްޓެއް ދެއްކުމަށް އެއްބަސްވާ ފަރާތަކަށްވުމާއި ހުށައެޅޭ ޕްރޮޖެކްޓަށް ބޭނުންވާ ޖުމުލަ ފައިސާގެ 10 ޕަސެންޓް އަށް ޖެހޭ އަދަދުގެ ބޭންކް ގެރެންޓީއެއް ހުށައެޅުމާއި އެ ކުންފުންޏަކީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ނަމަ އިންވެސްޓް ކުރުމަށް ކަނޑައަޅާ ފައިސާއަކީ ރާއްޖެ އިން ބޭރުން ގެނެވޭ ފައިސާއަކަށް ވުން ހިމެނެ އެވެ.
ސަރުކާރުން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން އިންވެސްޓްކުރުމަށް ޖޮއިންވެންޏާ އުސޫލުން މަސައްކަތްކުރާ ކުންފުންޏަށް ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަދި ޔޮޓް ބަނދަރު ހެދުން ފިޔަވައި ޓޫރިޒަމާ ގުޅުން ހުރި މަސައްކަތް ކުރުމަށް ކުއްޔަށްދީފައިވާ ރަށްރަށް ޓޫރިސްޓް ރިސޯޓަށް ބަދަލުކުރެވެ އެވެ. އެގޮތުން ބަދަލުކުރުމަށް ސަރުކާރަށް ދައްކަން ޖެހޭ އެކުއިޒިޝަން ކޮސްޓަށް އެ ރަށުގެ ހެކްޓަރަކަށް 600000 ޑޮލަރުގެ ރޭޓުން ގުނަކުރުމުން އަންނަ އަދަދުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި އެ ރިސޯޓަކާ ދެމެދު ހުރި ދުރުމިނަށް އެއް މިލިއަން ޑޮލަރުގެ ރޭޓުން ޖެހޭ އަދަދު ހިމަނައިގެންނެވެ.
އެ އުސޫލް ކަނޑައެޅުމުން ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ސަރުކާރު ބައިވެރިވެގެން އުފައްދާފައިވާ ނުވަތަ އުފައްދާ ޕަބްލިކް ކުންފުންޏަކަށް ރަށްރަށް ނުވަތަ ބިން ބިން ކުއްޔަށް ދިނުން އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ އުސޫލުން ބުނެ އެވެ.