ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދަށް ދައުލަތުގެ ފަރާތުން ދިފާއީ ވަކީލަކު ހަމައްސައިފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ހުމާމަށް ވަކީލަކު ހަމަޖެއްސުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ. އެހެންނަމަވެސް ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވީ އެކަން އަދި ކޮންފޯމް ވެފައި ނުވާ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހުމާމުގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ހުމާމުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 ހާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް އިތުރު ބަޔަކާ އެކު ގޮސް ތޫނު އެއްޗަކުން އޭނާއަށް ހަމަލާދީ މަރާލާފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހުމާމު އަފްރާޝީމް މަރާލާފައި ވަނީ ހ. ހިކޯސްޓް އަލީ ޝާނާ ބައިވެރިވެގެން ކަން ތަހުގީގުން އެނގޭ ކަމަށެވެ. އަދި އެ ވަގުތު 18 އަހަރުން ދަށުގެ ކުއްޖަކު އަފްރާޝީމް ދިރިއުޅުއްވާ ގެ ކައިރީގައި ފާރައަށް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.