09 Feb 2013, 13:29
ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި ޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން މެޗުގެ ލައިން ބަލަހައްޓަމުން ދިޔަ ލައިންސްމަނާ ދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފަށް ބޭއަދަބީ ބަސްތައް ބޭނުންކުރުމުން، އެމައްސަލަ ބެލުމަށްފަހު އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން އިން ފާގަސަން ޖޫރިމަނާ ކުރުމަށް ނިންމައިފި އެވެ.
ދަ އެފްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުސްވި މަހު ޓޮޓެންހަމް އާ ދެކޮޅަށް ރަށުން ބޭރުގައި ޔުނައިޓެޓް ކުޅުނު މެޗުގައި ފާގަސަންގެ އަމަލުތައް ބަހައްޓާފައި ހުރީ ކުޅިވަރުގެ ރޫހާ ހިލާފަށް ކަމަށާއި އެގޮތުން އެދުވަހު މެޗުގެ ލައިން ބަލަހައްޓަމުން ދިޔަ ރެފްރީއާ ދިމާލަށް އަމާޒުކޮށް ފާގަސަން ބޭއަދަބީ ބަސްތަކުން މުހާތަބު ކޮށްފައިވާކަން އެ އިދާރާއަށް އިނގިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލުމަށްފަހު މިހާރު ނިންމާފައި ވަނީ 19000 އެމެރިކާ ޑޮލަރުން ފާގަސަން ޖޫރިމަނާ ކުރަން ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި އެ ދުވަހު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، މެޗުގެ ނަތީޖާ ނުކުތީ ދެ ޓީމް ވެސް 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
މީގެއިތުރުން ދަ އެފްއޭގެ ބަޔާނުގައި، ފާގަސަން ކޮށްފައިވާ ހަމަލުތައް އަލުން ތަކުރާރު ނުކުރުމަށް އޭނައަށް ނަސޭހަތް ތެރިވެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެދު ވަހުގެ މެޗުގައި ލައިންސްމަނަށް ފާގަސަން ފާޑު ކިޔާފައި ވަނީ މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ޑިފެންޑަރު، ޔުނައިޓެޑުގެ ފޯވާޑަށް ޕެނަލްޓީ އޭރިޔާތެރެއިން ފައުލް ކުރުމުން، އެހިސާބުން ރޫނީ ޕެނަލްޓީއޭރިޔާ ތެރެއަށް ވެޓުމާއެކު، ލައިންސްމަން އެ ކަންތައް ފައުލަކަށް ނުބެލުމުން ނެވެ.
ކުޅިވަރުގެ ރޫހާ ހިލާފް ވުމުން 2011 ވަނަ އަހަރު ވެސް ދައެފްއޭއިން ވަނީ ފާގަސަން ޖޫރިމަނާ ކޮށްފައެވެ. އެފަހަރު ފާގަސަން ޖޫރިމަނާ ކުރީ ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަށް ފަހު، ރެފްރީ މާޓިން އެޓްކިންސަނަށް އަމާޒްކޮށް ބޭއަދަބީ ބަސްތައް ބޭނުން ކުރުމުންނެވެ. އަދި އެފަހަރު ފާގަސަން ޖޫރިމަނާ ކުރީ ގާތްގަނޑަކަށް 47000 އެމެރިކާ ޑޮލަރަށެވެ.