09 Feb 2013, 13:09
މާލެ އަތޮޅު ހެލެނގެލި ރިޒޯޓުން މި މަހު ފެނުނު ކިނބޫ ކުޑަކުދިންގެ ބަގީޗާ އަށް ހަދިޔާ ކުރުމަށް ކުރިން ނިންމައިފައިވީ ނަމަވެސް މިހާރު އެ ކިނބޫ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބެލުމުގެ ދަށުގައި ވިލިނގިލީގައި ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ހެނލެގެލިން ފެނުނު ތިން ފޫޓްގެ ކިނބޫ ކުޑަކުދިންގެ ބަގީޗާއަށް ހަދިޔާ ކުރިމަށް ކުރިން ނިންމައިފައިވީ ނަމަވެސް އޭތި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ބޭއްވުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ބަގީޗާއަށް އޭތި ނުގެންދާން ނިންމީ އެތަނުގައި އޭތި ބާއްވާނެ އެކަށީގެންވާ ޖާގަ ނެތުމުންނެވެ.
"އަޅުގަނޑުމެން ކުރިން ނިންމީ އެ ކިނބޫ ކުޑަކުދިންގެ ބަގީޗާގައި ބާއްވާން. އެހެން ނަމަވެސް މިހާރު ވެސް ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ބާއްވާފައި އޮތް ތަން ވެސް އެ ވަނީ ކުޑަވެފައި. އެހެން ވީމަ އެތަނަށް އިތުރު ކިނބުލެއް ލާން ވިސްނާއިރު އެތަން ކުޑަ ކަމަށް ފެނިގެން އަދި މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ބާއްވާން މި ނިންމީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިނބޫ ބާއްވާނީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ " އެމްއާރުސީ " ސެންޓަރުގައި ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެންނަމުންދެ އެވެ. އެގޮތުން ށ. އަތޮޅުގެ ދެ ކޮމަންޑޫ ދޭތެރެ ކަނޑުއޮޅި ކައިރިން ވެސް މި ދިޔަ މަހުގެ ހަތަރުވަނަ ދުވަހު ވަނީ ދެ ފޫޓުގެ ކިނބުލެއް ފެނިފަ އެވެ.