09 Feb 2013, 13:04
މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ ޗައިނާ އާއި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ މިންވަރު ރަނގަޅު މިނެއްގައި ހިފަހައްޓައިގެން ކުރިއަށް ދިއުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެމްއެމްޕީއާރްސީ ހިންގެވުމާ ހަވާލުުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަހަރުގެ އެންމެ ބޮޑު އަމާޒަކަށް ބަލަނީ ޗައިނާ އާއި ޔޫރަޕުގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ މިންވަރު ރަނގަޅު މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ.
"އަޅުގަނޑުމެންގެ ދެކެނީ ދެމެހެއްޓެނިވި ގޮތެއްގަޔޭ ޗައިނާއިން އަންނަ ޓޫރިސްޓުން ވެސް އިތުރުވާންވާނީ، ކުއްލިއަކަށް އަޅުގަނޑުމެނަށް ނުކަތާ ވަރަށް އިތުރުވެގެން ގޮސްފިއްޔާ އޭ މެނޭޖްކުރަން އަޅުގަނޑުމެންނަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނޭ، މި ދާއިރާގައި ހަރަކާތްތެރިވާ މާހިރުންގެ ލަފަޔަކީ ވެސް އެއީ، ޗައިނާ ފަތުރުވެރިން އިތުރުވުމުން މައްސަލައެއް އޮތިއްޔެއް ނޫނޭ، އެކަމަކު އެމިންވަރު ވާންޖެހޭނޭ އެކަށީގެންވާ މިންވަރަކަށް" މަލީހު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބްތަކަށް ބަލާއިރު ރާއްޖެއަށް 958027 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރޭގައި ޗައިނާގެ 229551 ޓޫރިސްޓުން ހިމެނެއެވެ. އެއީ 2011 ވަނަ އަހަރަށްވުރެ 15.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރު ޔޫރަޕު ސަރަހައްދުން ރާއްޖެއަށް 517809 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވީ ނަމަވެސް އެއީ 2011 ވަނަ އަހަރަށްވުރެ 3.7 ޕަސެންޓް ދަށް އަދަދެކެވެ.
މަލީހު ވިދާޅުވީ މިއަހަރުގެ އަމާޒްތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ޓުރެޑިޝަނަލް މާކެޓްތަކުން އަންނަ ޓުރިސްޓުންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ގައުމުތަކުގައި މިހާރު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ޓުރެވަލް އެޖެންސީތަށް އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ބަނގުރޫޓު ވެގެންދާތީ ކުދި ޓުރެވަލް އެޖެންސީތަކާ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ވީހާ ވެސް ކައިރިން ގުޅިގެން ކުދި އޮޕަރޭޓަރުނަށް ހުރި ގޮންޖެހުންތައް ބަލައި ރާއްޖެ ވިއްކުމަށްޓަކައި އެމީހުންނަށް އިންސެންޓިވްސް ދިނުން، ބައެއް އޮޕަރޭޓަރުންނަށް ރާއްޖެއާ ގުޅޭ މާ ގިނަ މައުލޫމާތު ލިބިފައި ނުހުރެދާނެ، އެހެންކަމުން އެފަދަ ބޭފުޅުނަށް ޓުރެއިނިން ދިނުން،" މަލީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ހުރިހާ މާކެޓަކަށް ފުޅާކުރުމަށްޓަކައި އެއާލައިންތަކާ ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގިނަ ގައުމުތަކުގައި ރޯޑް ޝޯތައް ބޭއްވުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ރާއްޖެއާ ގުޅޭ މައުލޫމާތު ދިނުން ހިމެނޭ ކަމަށެވެ. އެއާލައިންތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު ރާއްޖެއަށް މިހާރު ވަނީ ގިނަ އާ އެއަލައިންތަކެއްގެ ދަތުރުތައް ފަށައިފައެވެ. އޭގެ ތެރޭގައި ފުލައި ދުބާއީ އާއި ޓާކިޝް އެއާލައިން ވެސް ހިމެނެއެވެ.