އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އިން އެކުލަވާލާފައިވާ "ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް"(ޔޫއެންޓީއޯސީ)ގައި ހުސްވި މަހު 23ގައި ރާއްޖެ އިން ބައިވެރި ވެއްޖެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފި އެވެ.

ޔޫއެންޓީއޯސީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުރާލައި ރޭވިގެން ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޓަކައި އެފަދަ ބޮޑެތި ޖަރީމާ ތަކާ ދެކޮޅަށް އެކުލަވާލެވިގެން ސެޕްޓެމްބަރު 2000 ފެށިގެން އަމަލުކުރެވެމުން އަންނަ އެންމެ މުހިއްމު މުއާހަދާ އެވެ.

ދުރާލާ ރޭވިގެން ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވާ ގައުމުތަކުން އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ގުޅިގެން އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރު ކޮށްދެވޭނޭ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރާން ޖެހެ އެވެ. އެގޮތުން އެފަދަ ކުށެއްގައި ތުހުމަތު ކުރެވޭ ނުވަތަ ކުށް ސާބިތު ކުރެވޭ މީހަކު ހުރިނަމަ އޭނާގެ މައްސަލަ ބަލަމުންދާ ތަނަކަށް ފޮނުވައި ދިނުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ދޭންޖެހޭ ތަމްރީނުތަކާއި އެއްބާރުލުން ދިނުން ހިމެނެ އެވެ.

އެ މުއާހަދާގައި ފާހަގަކޮށްފައިވާ ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގެ ތެރޭގައި، ޓެރަރިޒަމް، މަސްތުވާތަކެތީގެ ވަގުވިޔަފާރި، ހުއްދަނެތި އެއްގައުމުން އަނެއް ގައުމަށް ބަދަލުވުން، މަކަރުހެދުމާއި އޮޅުވާލުން، ކިޑްނެޕްކުރުން، ވަގުފައިސާގެ މުއާމަލާތް ހިންގުން އަދި އިންސާނީ ވަގުފާރި ހިމެނެ އެވެ.

ދުނިޔޭގައި ދުރާލާ ރޭވިގެން ހިންގާ އެފަދަ ބޮޑެތި ޖަރީމާ ހިންގާ ފަރާތްތަކުން އެއްގައުމުން އަނެއް ގައުމަށް ވަގަށް ހަތިޔާރު އެތެރެކުރުމާއި، މަސްތުވާތެކެތީގެ ވިޔަފާރި ހިންގުމާއި، މީހުން ވަގަށްނަގައިގެން އެއްތަނުން އަނެއްތަނަށް ވިއްކުމާއި ވަގު ފައިސާގެ ބޮޑެތި މުއާމަލާތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދެ އެވެ.

ރާއްޖެ އިން އަލަށް ބައިވެރިވި މި މުއާހަދާގެ ސަބަބުން އެފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް އަތުލައިގަތުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މަގުފަހި ވެގެން ދިއުމުގެ އިތުރުން ހަދާފައިވާ ގާނޫނުތަކާއި ތަންފީޒީ ބާރުތައް އިތުރަށް ހަރުދަނާވުމަށް ބޮޑެތި އެހީތަކެއް ލިބިގެން ދާނެ އެވެ.

ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގެ ތެރޭގައި ހިމެނޭ އިންސާނީ ވަގުފާރި (ވަގު ވިޔަފާރި) ހިންގުން ހުއްޓުވުމަށް ޓަކައި ހާއްސަކޮށް ކުޑަކުދިންނާއި އަންހެހުންގެ ވަގުފާރި ހުއްޓުވުމަށް ޓަކައި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ދެވެން ހުރި ހަރުކަށި އަދަބުތައް ދިނުމަށް ކުރާން ޖެހޭ އަމަލީ މަސައްކަތް ރާއްޖެއިން ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މުއާހަދާގައި ބައިވެރިވުމުން، އެއްގައުމުން އަނެއްގައުމަށް ވަގު ފައިސާ ނަގުލުކޮށް ބޭންކު ކުރަމުންދާ މީހުންގެ އެކައުންޓުތަކުގެ ތަފްސީލު ބެލުން ފަދަ ކަންކަން ވެސް ފަސޭހަވެގެންދާނެ އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްއަށް ރާއްޖެއިން ރަސްމީކޮށް އަމަލުކުރަން ފަށާނީ 6 މާޗް 2013ގައެވެ.