09 Feb 2013, 11:40
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރާއްޖޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި "މެގަ ޕްރޮޖެކްޓެއް" ފެށުމަށް އެފްއޭއެމްއަށް އަލަށް ހޮވުނު އެގްޒެކެޓިވް ކޮމިޓީން ނިންމައިފި ކަމަށް އެ އިދާރާގެ ރައީސް އިލްހާމް އަޙްމަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވަހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާ އަޙްމަދު ވިދާޅުވީ އަލަށް އެކުލަވާލެވުނު އެކްސްކޯގެ ބައްދަލުވުމުގައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑެތި ނިންމުން ތަކެއް ނިންމާފަ ވާކަމަށެވެ.
"އެކްސްކޯއަށް އަޅުގަނޑު ހުށަހެޅީ ރާއްޖޭގެ ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކެއް އެޅުމުގެ ޕްރޮޖެކްޓެއް ހިންގުން. މިއީ ވަރަށް މެގަ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ރާއްޖޭގެ ވަރަށްގިނަ ކަންކޮޅުތަކުން އަޅުގަނޑު އުންމީދުކުރަނީ ﷲގެ އިރާދަފުޅުން ކުރިއަށް އޮތް ދެތިން މަސްތެރޭގައި އަމަލީ މަސައްކަތް ފެއްޓި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފުޓްސަލް ދަނޑުތަކެއް އެޅިގެން ދާނެކަމަށް. މިއީ ވަރަށް މެގަ ޕްރޮޖެކްޓެއް." އެފްއޭއެމްގެ ރައީސް އިލްހާމު ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އެ "މެގަ ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭނާ ވަނީ އެކްސްކޯގެ ތެރޭގައި ފަންނީ ކޮމެޓީއެއް ވެސް އެކުލަވާލެވިފައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކެއް އެޅިގެން ދާއިރު ލައިޓްތައް ވެސް ހަރުކުރެވިގެން ރޭގަނޑު ވެސް ކުޅެވޭނެ މާހައުލެއް ގާއިމްކޮށް ދެއްވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލްހާމް ފާހަގަ ކުރެއްވި ގޮތުގައި އޭނާގެ ޓީމުން އެމަސައްކަތް ގެންދާނީ ކަނޑައެޅިފައިވާ ވަކި ގަވާއިދު ތަކެއްގެ ދަށުން ސްޕޮންސާ އުސޫލުންނެވެ. އަދި ވަރަށް އަވަހަށް އެފުރުސަތު ޝައުގުވެރިވާ ފަރާތް ތަކަށް ހުޅުވައި ލައްވާނޭ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ވިދާޅުވީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ބޭރު ދުނިޔެއާއި އަދި ފުޓްބޯޅަ ކޮމިއުނިޓީ އާއި މިވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައި ކަމަށާއި އެގޮތުން ފީފާއިން ގައުމުތަކަށް ދޭ "ގޯލް ޕްރޮޖެކްޓް" މިފަހަރު ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން ފިފާއިން ދީފައިވާ ކަމުގެ އުފާވެރި ހަބަރު ދެއްވާ ކަމަށެވެ.
މިހާރުވެސް ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ، ކުޅުންތެރިންގެ އެންމެ ބޮޑު މައްސަލައަކަށް ވެގެންދިޔައީ ޓާފްދަނޑުތައް ނުދިއްލުމުގެ މައްސަލަ ކަމަށްވާތީ އެކަން މިހާރު ހައްލުވަމުން އަންނަ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މިހާރު ސްޓެލްކޯއާއި އެމަސައްކަތް ހަވާލުކުރެވި ސްޓެލްކޯއިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވަނީ އެލައިޓްތައް ދިއްލުމުގެ މަސައްކަތް ކުރުމުމަށް. އެހެންވީމަ ކުރިއަށް 15 ވަރަކަށް ދުވަހުގެ ތެރޭގައި އެ ލައިޓްތައް ދިއްލޭނޭލަމަށް އަޅުގަނޑު ލަފާކުރަނީ" ކެމްޕެއިން ދުވަސްވަރުގެ ވައުދުތައް ފުއްދަވާ ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވަމުން އިލްހާމް ވިދާޅުވި އެވެ.