09 Feb 2013, 10:04
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހު، މެންޗެސްޓާ ޔުނައިޓެޑް ކުއާޓަރ ފައިނަލަށް ދަތުރުކުރާނެ ކަމަށް އުންމީދުކުރާ ކަމުގައި މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
ފަހަކަށް އައިސް ޔުނައިޓެޑާއި ސިޓީ އަކީ ޕްރެމިއާ ލީގުގެ އެންމެ ބޮޑު ދެ ވާދަވެރިންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގެކޭ އެއްފަދައިން ސިޓީ އަށް މިސީޒަންގެ ޗެމްޕިއަންސް ލީގާއި އަލްވަދާޢު ކިޔާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެޑްރިޑާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.
"ޗެމްޕިއަންސް ލީގުގައި މެޑްރިޑާއި ދެކޮޅަށް ކުޅޭ އިރު، ހިތްވަރު ދެރަވުމަކީ ވަރަށް އާންމު ކަމެއް. އެހެންކަމުން އަހަރެން އުންމީދުކުރަނީ މެޑްރިޑްގެ މައްޗަށް ކުރި ހޯދައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ކުރިއަށް ދާނެ ކަމަށް." މަންޗިނީ ބުންޏެވެ.
އަށް ޕޮއިންޓްގެ ފަރަގަކާއެކު ޕްރެމިއާ ލީގުގެ ދެވަނާގައި ސިޓީ އޮތް ކަމުގައި ވިޔަސް އެ މުބާރާތުގެ އުންމީދުތައް ގެއްލުވާނުލާ ކަމަށް މަންޗިނީ ބުނެފައި ވެއެވެ. އަދިވެސް އެއްވަނާގައި އޮތް ޔުނައިޓެޑް ފަހާލެވިދާނެ ކަމަށް މަންޗިނީ ގަބޫލުކުރެއެވެ.
"މިސީޒަންގައި ޔުނައިޓެޑުން އަހަރެމެންނަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކި. އެމީހުން ގިނަ މެޗުތަކެއް ވެސް ކާމިޔާބުކުރި. އަހަރެމެންނަށް ގެއްލިގެން ދިޔަ ނުވަ ޕޮއިންޓްގެ ތެރެއިން އަށް ޕޮއިންޓް ހަ މެޗުން ލިބޭނަމަ، ތޭރަ މެޗުން ނުވަ ޕޮއިންޓް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ. ތޭރަ މެޗު އޮއްވަ ޕްރެމިއާ ލީގުގެ އުންމީދުތަކެއް ގެއްލިގެންނެއް ނުދާނެ." މަންޗިނީ ބުންޏެވެ.
ސިޓީ އިން މިދިޔަ ސީޒަންގެ ޕްރެމިއާ ލީގު ކާމިޔާބުކުރީ ވަރަށް ހީނުކުރާ ގޮތަކަށެވެ. މިދިޔަ ސީޒަންގައި ޗެމްޕިއަންކަން ކަށަވަރު ކުރަން ޖެހުނީ އެންމެ ފަހު މެޗުގެ ނަތީޖާތަކުންނެވެ.