ދުނިޔޭގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބުގައި މަޑުކުރާނެ ކަމަށް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގަބޫލުކުރާ ކަމުގައި ބުނެފި އެވެ.

މެޑްރިޑް ދޫކޮށް ރޮނާލްޑޯ ދާން އުޅޭކަމުގެ ހަބަރުތައް ފުރަތަމަ ފެތުރިގެން ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި ހަބަރުތައް މިގޮތަށް އޭރު ފެތުރެން ފެށީ މެޑްރިޑްގައި ރޮނާލްޑޯ ހުރީ އުފަލުގައި ނޫންކަމުގައި އޭނާ ބުނުމުންނެވެ.

"އަހަރެމެންގެ ދޭތެރޭ ދެކެވޭ ވާހަކަތަކަކީ އެހެން މީހުންނާ ހިއްސާކުރެވޭނެ ވާހަކައެއް ނޫން. ނަމަވެސް ރޮނާލްޑޯ މިކްލަބުގައި މަޑުކުރާނެކަމަށް އަހަރެން ގަބޫލުކުރަން. އަހަރެންނަށް ހީވަނީ އޭނާ މިކްލަބުގައި ހުރީ ވަރަށް އުފަލުގައި ހެން. ރޮނާލްޑޯ އަކީ އަހަރެމެން ޓީމްގައި ހުރި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނާ ގެއްލިގެން ދިއުމަކީ އަހަރެމެންނަށް ހުރި ހިތާމައެއް." މޮޑްރިޗް ބުންޏެވެ.

ސްޕެނިޝް ލަލީގާގައި މިދިޔަ ހަފްތާ ގްރެނޭޑާ އަތުން މެޑްރިޑް ބަލިވި މެޗުގައި މޮޑްރިޗަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައި އޭނާ ގަބޫލުކުރެ އެވެ. "ގްރެނޭޑާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު. ކޮންމެ މެޗަކުން ވެސް އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ބޭނުން. އެހެން ނަމަވެސް ބައެއް ފަހަރު ބޭނުންވާ ގޮތެއް ނުވާނެ. އެހެން ޓީމްތަކުން އެ ޓީމްތަކުގެ އެންމެ ރަނގަޅު ކުޅުން އަހަރެމެންނާއި ދެކޮޅަށް ނުކުންނައިރު ދައްކަމުންދާ އިރު، އަހަރެމެންނަށް ވަރަށް އުނދަގޫވޭ." މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް އަކީ މިދިޔަ ސީޒަންގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، މިސީޒަނުގައި މެޑްރިޑާއި ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް މެޑްރިޑްގައި އަދި އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ.