ބާސެލޯނާ އިން ހޯދަން ބޭނުންވާ ކުޅުންތެރިއަކު ވާދަވެރި ރެއާލް މެޑްރިޑްގައި ހިމެނޭ ކަމުގައި ބާސާގެ ރައީސް ސެންޑްރޯ ރޮސެލް ބުނެފި އެވެ. ނަމަވެސް އެ ކުޅުންތެރިއެއްގެ ނަމެއް ރޮސެލް ހާމަކޮށްފައެއް ނުވެ އެވެ.

މެޑްރިޑާއި ބާސާ އަކީ ސްޕެއިންގެ އެންމެ ވާދަވެރި ދެކްލަބުކަމާއި މެދު ޝައްކެއް ނެތެވެ. ދެ ކްލަބުގައި ހިމެނޭ ކުޅުންތެރިއެއް އެއް ކްލަބަށް ކުޅުމަށް ފަހު، އަނެއް ކްލަބުން ފެނުމަކީ ވެސް ފެންނަމުންދާ މަންޒަރެކެވެ. އެގޮތުން ކުރީގެ ތަރިންކަމަށްވާ ޕޯޗުގަލްގެ ލުއިސް ފީގޯ އާއި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯގެ އިތުރުން މިޝެލް ލޯޑްރަޕް ބާސާ އަދި މެޑްރިޑަށް ކުޅެފައިވެ އެވެ.

"މެޑްރިޑްގައި އަހަރެން ބޭނުންވާ ކުޅުންތެރިއަކު އެބަހުރި. އަހަރެން އެކުޅުންތެރިއަކު ބޭނުންވާތާ ގިނަ އަހަރުތަކެއް ވެއްޖެ. ނަމަވެސް އަހަރެން އެކުޅުންތެރިއެއްގެ ނަން ހާމަކުރާކަށް ބޭނުމެއް ނޫން. އެއީ ކަންތައް ގަނޑެއް ހިންގުމަށް އަހަރެން ބޭނުންނުވާތީ." ރޮސެލް ބުންޏެވެ.

އެއީ މެޑްރިޑްގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔަސް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރަމުން ދެ އެވެ. ނަމަވެސް އެކުޅުންތެރިއަކީ ކޮން މަގާމަކަށް ކުޅޭ ކުޅުންތެރިއެއް ކަމުގައި ވެސް ރޮސެލް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެކުޅުންތެރިއަކީ ކަސިޔަސްތޯ އެހުމުން ވެސް ރޮސެލް ވަކި ޖަވާބެއް ނުދެ އެވެ.

ސްޕެއިންގެ އިތުރުން މެޑްރިޑާއި ބާސާ އަކީ ދުނިޔޭގެ އެންމެ ވާދަވެރި ދެކްލަބުކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ދެކްލަބެވެ. އެގޮތުން ދެކްލަބުގެ ދެމެދުގައި 'އެލް ކްލެސިކޯ'ގެ ނަމުގައި ކުޅެވޭ މެޗުތަކަކީ ވަރަށް ފޯރިގަދަ މެޗުތަކެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މި ދެކްލަބުން ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ކޮޕަ ޑެލް ރޭގެ ދެވަނަ ލެގުގަ އެވެ. މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ މިމެހުގެ 27 ވަނަ ދުވަހު އެވެ.