އދ. މަޖިލިސް (ފެބްރުއަރީ 9): ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ސަބަބުން ގިނަބަޔަކު ޙާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖްރަކުރާ ސޫރިޔާ ރައްޔިތުންގެ ޢަދަދު ކަންބޮޑުވާން ޖެހޭ މިންވަރަށް ގިނަވަމުންދާ ކަމަށް އދ. ން ބުނެފި އެވެ.

ރެފިއުޖީންނާ ބެހޭ އދ.ގެ ހައިކޮމިޝަނުން ހާމަކުރާ ގޮތުގައި ސޫރިޔާގައި ހަނގުރާމަ ގަދަވުމުގެ ސަބަބުންނާއި ގެދޮރު ހަލާކުވެ ދިރުއުޅުން ދަތިވުމުގެ ސަބަބުން އެވްރެޖްކޮށް ކޮންމެ ދުވަހަކު 5000 ހާހެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި އުރުދުން، ތުރުކީ އަދި ލުބްނާނަށް ހިޖްރަކުރަމުން ދާ ކަމުގަ އެވެ. ހިޖްރަކުރާ ރެފިއުޖީންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ކަމަށް ވެސްރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަންގެ ތަރްޖަމާން އުދްރުޔާން އެޑްވާޑްސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ އިންސާނީ ކާރިސާ އަކަށް ބަދަލުވަމުންދާކަމަށާއި އެ މީހުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ސަބަބުން ގިނަބަޔަކު އިންސާނީ ވޭންތަކެއް ތަޙައްމަލްކުރަމުން ގެންދާކަމުގަ އެވެ.

ސޫރިޔާގެ އަވައްޓެރި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ސޫރިޔާގެ 750 ހާސް މީނުން އެބަތިބި ކަމަށް އދ.ގެ ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާގެ ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމުގައި ޙަރަކާތްތެރިވާ ޖަމްއިއްޔާ އެއްކަމަށްވާ ޑޮކްޓާސް ވިތްއައުޓް ބޯޑާސް ބުނާ ގޮތުން ލުބްނާނުގައި ދިރިއުޅޭ ސޫރިޔާގެ ތިންލައްކައެއްހާ ރެފިއުޖީންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުންނަށް ވެސް ކާބޯތަކެއްޗާއި ބޭހާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެވެމުން ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ޙާލަތު ދެރަވެ ބަލިތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް އެޖަމްއިއްޔާއިން ބުނެ އެވެ.

ކުޑަކުދިންނާ ބެހޭއދ.ގެ ފަންޑް ޔުނިސެފް ބުނާ ގޮތުން ސޫރިޔާގެ އެތެރޭގެ ގިނަ ރައްތައް ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާތީ ބޯފެނާއި ހިޔާވަހިކަމާއި ބޭސް ފަރުވާއާއި ކާބޯތަކެތީގެ ދަތިކަން ސޫރިޔާގެ އެތެރޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށްވަނީ ކުރިމަތިވެފަ އެވެ. މިކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތި ވަނީ ކުޑަކުދިންނަށް ކަމަށާ ކުޑަކުދިން ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ. އަނެއްކޮޅުން ތުރުކީން ވަނީ އެގައުމުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމުގެ ގޮތުން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 344 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ތުރުކީގެ ބަޖެޓުން އެކަނިވެސް ޚަރަދުކޮށްފައިވާކަން ހާމަކޮށްފަ އެވެ. ތުރުކީގެ މާލީ ވަޒީރު މުޙައްމަދު ޝިމްޝެކް ވިދާޅުވީ ސޫރިޔާގެ އެއްލައްކަ 77 ހާސް ރެފިއުޖީން ތުރުކީގައި ގާއިމްކޮށްފައިވާ ފޭލިގެތަކުގައި ދިރިއުޅެމުންދާއިރު އެމީހުންނަށް ބޭނުންވާ ގިނަ އެހީތައް ފޯރުކޮށްދެނީ އެގައުމުގެ ސަރުކާރުންކަމުގަ އެވެ.

ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށް ބޭނުންވާ ފައިސާއާއި ތަކެތީގެ އެހީ ހޯދުމަށްޓަކައި އދ.ން އިސްނަގައިގެން ދާދިފަހުންވަނީ މަހާސިންތާއެއް ވެސް ބާއްވާފަ އެވެ. މިމަހާސިންތާގައި ޖަޕާނާއި ޢަރަބި ގައުމުތަކާ ޔޫރަޕާ އަދި އެމެރިކާއިންވަނީ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށް 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދޭނެކަން ހާމަކޮށްފަ އެވެ. ނަމަވެސް މިފައިސާ ލިބުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އެހީދިނުމުގައި ޙަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)