ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މަރާލުމަށް ފަހު ވަޅުލި ކަމުގެ ތުހުމަތުގައި އަންހެން ކުއްޖާގެ މަންމައާއި ދޮންބައްޕަގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ ޝަރީއަތް ޝެޑިއުލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހަށް ކަމަށެވެ.

އޭނާ ވިދާޅުވީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" ކޮށްފައި ވަނީ އަންހެން ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، އާއި އޭނާގެ ފިރިމީހާ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44،ގެ މައްޗަށް ކަމަށެވެ.

ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރަށް އެހެން ދައުވާތަކެއް ވެސް ދައުލަތުން ވަނީ އެ ދެ މީހުންގެ މައްޗަށް އުފުލައިފަ އެވެ. އެގޮތުން އެ ކުއްޖާގެ ދޮންބައްޕަގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަށް ބަލާ އިރު ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. އަދި އަމިއްލަ ދަރިފުޅާ މެދު ފިރިމީހާ ޖިންސީ ގުޅުން ހިންގިކަން އެގި ހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ ދައުވާ އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވަނީ އުފުލާފަ އެވެ.

މި ދައުވާތަކުގެ ތެރެއިން މިހާތަނަށް ޝަރީއަތް ފަށާފައި ވަނީ އަބްދުލް ޣަފޫރުގެ މައްޗަށް ކުރި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައިގަ އެވެ. އެ ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ނަން ނުޖެހުމަށް އެދި ފޭދޫން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިންގޮތުގައި އެ ރަށު ސްކޫލްގައި ކިޔަވަމުން އަންނަ އެ ދަރިވަރު ކުއްޖަކު ވިހެއީ އޭނާގެ ދޮންބައްޕަ އަށް ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ އަންހެން ކުއްޖާ ބަލިވެ އިނީ އޭނާގެ ދޮންބައްޕައަށް ކަން ސިއްރު ކުރުމަށް އާއިލާ އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ކުއްޖާ ވިހޭ ކަން އެނގުނީ ރަށު ބަޔަކަށް ޝައްކުވެގެން އެކަން ބެލުމުން ކަމަށެވެ. އަދި އެ ރަށުގެ އެކި މީހުން ތަފާތު އެކި ފަހަރުމަތިން އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.