ވޮޝިންޓަން (ފެބްރުއަރީ 9): އަންނަ ހަފްތާގައި ބިމާ ވަރަށް ގާތުން އެސްޓްރޮއިޑެއް (ބޮޑު ހިލަގަނޑެއް) ދަތުރުކުރާނެ ކަމަށް ފަޒާގެ ދިރާސާތަކާ ބެހޭ އެމެރިކާގެ އިދާރާ "ނާސާ" އިން ބުނެފި އެވެ.

ނާސާ ބުނާގޮތުން މި އެސްޓްރޮއިޑްގެ ބޮޑުމިނަކީ ގާތްގަނޑަކަށް އޮލިމްޕިކްގެ ކުޅިވަރުތަކުގައި ބޭނުންކުރާ ސްވިމިންޕޫލްގެ ދެ ގުނަ އެވެ. ބަރުމިނަކީ 12 ހާސް މެޓްރިކް ޓަނެވެ. މިއެސްޓްރޮއިޑް މިހާރު ދަތުރުކޮށްފައި އަންނަނީ ބިމާދިމާ އަށް ކަމަށާއި އެ ހިލަގަނޑު ދަތުރުކުރާނީ ބިމުގެ ވަށައިގެންވާ އޯބިޓްތަކުގައިވާ ސެޓަލައިޓްތަކާ ވަރަށް ގާތުންކަމަށް ވެސް ނާސާއިން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި އެސްޓްރޮއިޑް ބިމާއެންމެ ގާތަށް އަންނާނީ މިމަހުގެ 15 ވާ ހުކުރުދުވަހު އެވެ. އެ ދުވަހު ބިމުގެ ސަތަޙާ ގާތްގަނޑަކަށް 27 ހާސް ކިލޯމީޓަރާ ގާތަށް އެ ހިލަގަނޑު އަންނާނެ ކަމަށާ ނަމަވެސް ބިމުގައި ވެސް އަދި ބިމުގެ ވަށައިގެން އެނބުރޭ ސެޓަލައިޓްތަކުގެ ތެރޭން ސެޓަލައިޓެއްގައި ވެސް އެހިލަގަނޑު ނުޖެހޭނެ ކަމަށް ފަޒާގެ ސައެންސްވެރިންނާ ޙަވާލާދީ މީޑޔާ ރިޕޯޓްތައް ބުނެ އެވެ. މިއީ، ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ބިމާއެންމެ ގާތުން ދަތުރުކުރާ އެސްޓްރޮއިޑް ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

ޑީއޭ14، 2012ގެ ނަންދީފައިވާ މިއެސްޓްރޮއިޑް ހޯދާފައި ވަނީ ހޮބީއަކަށް ފަޒާގެ ކަންކޮޅުތައް ޓެލެސްކޯޕުން ބަލަމުންގެންދިޔަ ސްޕޭންގެ ބަޔަކަށެވެ. މި އެސްޓްރޮއިޑް ބިމާ ދިމާއަށް މިހާރު ދަތުރުކުރަމުންދަނީ ސިކުންތަކު 13 ހާސް ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. މިއެސްޓްރޮއިޑް ބިމުގައި ޖެހި މުޑިއަރައިފި ނަމަ 2.4 މިލިޔަން މެޓްރިކް ޓަނުގެ ޑައިނަމިޓްގެ ބާރު މިނުގެ ވަރުގަދަ ގޮވުމެއް ބިމުގައި ގޮވައިގެންދާ ކަމަށް ސައެންސްވެރިން ބުނެ އެވެ.

އެންމެ ފަހުން ބިމުގައި އެސްޓްރޮއިޑެއްޖެހި މުޑިއަރާފައި ވަނީ 1908 ވަނަ އަހަރު ރަޝިޔާގެ މީހުން ދިރިނޫޅޭ ސަރަޙައްދެއް ކަމަށްވާ ސައިބީރިޔާގަ އެވެ. އެއެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ސަބަބުން 2150 އަކަ މީޓަރުގެ ސަރަހައްދެއްގައި ބޮޑު ވަޅުގަނޑެއް އުފެދި ހިރަފުހުގެ ބޮޑު ވިލާގަނޑެއް ދުނިޔޭގެ ޖައްވަށް އަރައިގެން ގޮސްފައިވެ އެވެ. އަދި 80 މިލިޔަން ގަސް މިކަމުގެ ސަބަބުން ފަނާވެގެން ގޮސްފައިވެ އެވެ.

މިހާރު ބިމާދިމާއަށް އަން އެސްޓްރޮއިޑް ބިމުގެ ސަތަޙާ އެންމެ ގާތަށް އަންނާނީ އަންނަ ހުކުރުދުވަހު ޖީއެމްޓީން 19:24 މިނިއްޓުގައި ކަމަށް ސައެންސްވެރިން ބުނެ އެވެ. (ނޫސްއެޖެންސީތައް)