09 Feb 2013, 09:15
ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވަމުންނުދާކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ދެއްވައިފި އެވެ.
ދި ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު އިއްޔެ ވިދާޅުވީ ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ދާއިރާ އަށް ސިޔާސީ ނުފޫޒު ވަންނަމުންދާ ވާހަކައަކީ ވަރަށް އަޑުގަދަކޮށް ދެކެވޭ ވާހަކައެއް ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ނުފޫޒެއް ފޯރުއްވާފައި ނުވާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ކަންކަމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަކީ، ޕްރޮފެޝަނަލް ބޭފުޅުން ކަމަށް ބައްލަވައިގެން، އެބޭފުޅުންގެ ނިންމެވުން އެއީ އެންމެ ފަހުގެ ނިންމެވުން ކަމަށް ބައްލަވައިގެން ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު، ލޯ އެންފޯސްމަންޓް އޭޖެންސީތަކަށް އެބައޮތް ކަމަށާއި އެކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ކުށުގެ ވެށި އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކުށް ގިނަވުމުގެ ސަބަބުން ރައްޔިތުންނަށް ބިރުހީވާ ހިސާބަށް ކަންކަން އޮތީ ގޮސްފައި ކަމަށާއި މާލެތެރެ ކުރިއަށް ވުރެ ބޮޑަށް ބަލަހައްޓަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ހުޅުވާފައި ހުންނަ ތަންތަން މަދުކޮށްލައި ބައެއް ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކުށްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ޖީއެމްއާރު މައްސަލައާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުމުން، އެ މައްސަލަ ނިންމެވީ، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބައްލަވައިގެން، އަދި ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަގޮތަކީ ކޮބައިތޯ ބައްލަވައިގެން ކަމުގައި ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނިންމެވީ، ރާއްޖެ އަށް އެންމެ ފައިދާހުރި ގޮތަކީ އެއީކަން ޔަގީންވެވަޑައިގަތީމާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އިންޑިޔާ އާއި ދިވެހި ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުމަށް ބުރޫ ނާރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮތް ބައިލެޓްރަލް ގުޅުމަކަށް އެއްވެސް ލޮޅުމެއް އައި ކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިންޑިޔާ ސަރުކާރުގެ ފޮރިން މިނިސްޓަރާއި އަދިވެސް އެހެން ބޭފުޅުން ޔަގީންކޮށްދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުމުން، ރަނގަޅު ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ރާއްޖެ އަށް ގެންނަން އެބަ ބޭނުންވާ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، ނެކްސްބިޒް ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި އެކަމުގައި އެމަނިކުފާނުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކުންފުނި ގެނައުމަށް ބާރުއަޅުއްވާފައި ވެސް ނޯންނާނެ ކަމަށާއި އެ ނިންމެވުމަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންވީމާ، އެ ޕްރޮޖެކްޓް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަވާފައިވުމާ އެކު، އެކަން ހުއްޓާލާފައި އެހެން ސިސްޓަމެއް ގެންނަވާނީ ކަމަށާއި މިކަމުގައި އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމުގައި ވިދާޅުވި އެވެ.