09 Feb 2013, 00:15
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގައި ހިންގި ހުޅުޖެހުމުގެ ހާދިސާއާ ގުޅޭ ގޮތުން "މި ގަރުނުގެ ބޮޑުހުޅު"ގެ ނަމުގައި ފޮތެއް ނެރެފި އެވެ.
ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މަޝްހޫރު ލިޔުންތެރިޔާ އަދި ކުރީގެ ރެފްރީ މުހައްމަދު ސައީދު މޫސާ ވަޖުދީ ލިޔުއްވާފައިވާ އެ ފޮތް ނެރެދެއްވީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރެވެ.
އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޖުދީ ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އުޅަނދުތަކުގައި ހުޅުޖަހައި އަންދާލި ހާދިސާ އާ ބެހޭ ތަފްސީލު މައުލޫމަތު އެފޮތުގައި ހިމަނާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފޮތުގައި ހިމަނާފައިވާ މައިގަނޑު މައުލޫމާތުތަކަކީ ޝަރުއީ ދާއިރާއިންނާއި ފުލުހުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތު ކަމަށެވެ. އަދި އޭގެ އިތުރުން އައްޑޫ ސިޓީއާއި ތިނަދޫ އަށް ދަތުރުކޮށް އެ ދުވަހުގެ މަންޒަރު ލޮލުން ދުށް މީހުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތު ވެސް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފޮތަކީ ހަގީގީ ތެދު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ފޮތެއް ކަމަށާއި އޭގެ މަގުސަދަކީ އެ ދުވަހުގެ ހާދިސާއާ ބެހޭ ތެދު މައުލޫމާތު އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ވެސް ވަޖުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅު ރޯކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ޝަރީއަތްތައް ނުނިމި އަދިވެސް ކުރިއަށްދާތީ އޭނާ އެއްކޮށްފައި ހުރި ބައެއް މައުލޫމާތު މި ފަހަރުގެ ފޮތުގައި ހިމަނާފައި ނުވާނެ ކަމަށެވެ. ނަމަވެސް "ބޮޑު ހުޅުގެ ހަގީގަތް" އެ ނަމުގައި ދެވަނަ ފޮތެއް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށާއި އެ ފޮތުގައި ތަހުގީގު ބަޔާންތަކާއި މިހާތަނަށް އާއްމު ކޮށްފައި ނުވާ އެތައް ފޮޓޯތަކަކާއި މައުލޫމާތުތައް ހިމަނާނެ ކަމަށް ވެސް ވަޖުދީ ވިދާޅުވި އެވެ.
އެ ފޮތް ނެރެދެއްވުމަށް ފަހު އުމަރު ވިދާޅުވީ މިފަދަ އުނދަގޫ ވަގުތެއްގައި އެ ކުށްކުރި މީހުން މަގުތަކުގައި މިނިވަންކަމާ އެކު އުޅެމުން ދަނިކޮށް އެފަދަ ފުރިހަމަ ފޮތެއް ލިޔުއްވައި ނެރުމުގެ ހިތްވަރު ވަޖުދީ އަށް ދެއްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ގަރުނުގައި ހިންގި އެންމެ ބޮޑު ހުޅުގެ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަސް އެ ފޮތް ކިޔާ ކޮންމެ މީހަކަށް ވެސް ސިފަ ކުރެވޭނެ ކަމަށެވެ. އަދި އެ ފޮތުގައި ވަކި ބަޔަކަށް ނިސްބަތް ކޮށް ލިޔެފައި ނެތަސް އެ ދުވަހުގެ ބޮޑު ހުޅަކީ އެމްޑީޕީގެ އިސްވެރިން އަޑީގައި ތިބެގެން ހިންގި ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މި ފޮތް ކިޔާލީމައި އަޅުގަނޑުމެންނަށް ރާއްޖޭގެ ތާރީޚުގައި މި ގަރުނުގައި ހިނގި އެންމެ ބޮޑު ހުޅުގެ ގޮތުގައި އަށެއް ފެބްރުއަރީ ދެހާސް ބާރަ ވަރަށް ރަނގަޅަށް ސިފަ ވެގެންދޭ. މިފޮތުގައި މޫސާ ވަޖުދީ ވަކި ބަޔަކަށް ނިސްބަތް ކޮށްފައި ނެތަސް އަޅުގަނޑު ވަރަށް ސާފު ބަހުން ދަންނަވާނީ އެ ދުވަހު ހިނގި މި ގަރުނުގެ ބޮޑު ހުޅަކީ އެމްޑީޕީގެ އިސްވެރިން ރާވައިގެން ހިންގި ބޮޑު ހުޅެކޭ،" އުމަރު ވިދާޅުވި އެވެ.
މިރޭ ނެރުނު "މި ގަރުނުގެ ބޮޑު ހުޅު" ފޮތަށް ބަލައިލާ އިރު ރައީސް ނަޝީދުގެ އިސްތިއުފާ އާ ބެހޭ ގިނަ މައުލޫމާތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަހުގެ ވާހަކަތައް ހިމަނާފައި އެވެ.
ވަޖުދީ ވިދާޅުވީ މާދަމާ އިން ފެށިގެން ރާއްޖޭގެ ބުކްޝޮޕްތަކުން އެ ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށާއި ފޮތެއްގެ ވިއްކާ އަގަކީ 120ރ. ކަމަށެވެ.